ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓުން އިންޑިއާގެ އިތުރު ސިޓީތަކަށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އައިލޭންޑް އޭވިއޭޝަނުން ބުނެފި އެވެ.

އައިލޭންޑް އޭވިއޭޝަންއިން ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ކުރަމުން އަންނަ ދަތުރުތައް އިތުރުކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން އެ އެއާޕޯޓުން އިންޑިއާގެ ޓްރެވެންޑްރަމަށް ކުރާ ދަތުރުތަކުގެ އިތުރުން، އެގައުމުގެ އެހެނިހެން ސިޓީތަކަށް ވެސް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނިން ބުނެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓުން މޯލްޑިވިއަނުން ހަމައެކަނި ދަތުރުތައް ބާއްވަނީ އިންޑިއާގެ ޓްރެވަންޑްރަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަތީ މިވަގުތު ވަނީ ހަނިމާދޫން ޓްރެވެންޑްރަމަށް ކުރާ ދަތުރުތައް ހުއްޓާލާފަ އެވެ. އެހެންނަމަވެސް އެއަޕޯޓްގެ އާ ރަންވޭގެ ބައެއް ހުޅުވުމުން ބައިނަލްއަޤްވާމީ ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަމަށް އައިލޭންޑް އޭވިއޭޝަނުން ބުނެއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް، ދުނިޔޭގެ ގިނަ މަންޒިލްތަކަށް އުދުހުމަށްޓަކައި އެކަމަށް އެކަށޭނަ ބިޔަ މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ހަ މަސް ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް، އާ ހަތް މަންޒިލަކަށް ދަތުުރު ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށް ބޭނުންވާ ދެ ބޯޓު ހޯދަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.