އޭޝިޔާ ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް އޭ އެފް ސީ އޭޝިއަން ކަޕް މިއަހަރުގެ ޖަނަވަރީ 12 ވަނަ ދުވަހުން ފެށިގެން ދަނީ ކުރިއަށެވެ. އޭޝިއާ ބައްރުގެ ފުޓުބޯޅައިގެ ރަސްކަން ކުރާނީ ކޮން ގައުމެއްކަން މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ކުޅެވޭ ފައިނަލް މެޗަށްފަހު އެނގިގެންދާނެއެވެ. މި މުބާރާތުގެ މެޗުތަށް މީޑިއާނެޓުން އަންނަނީ އައިސް ނެޓްވޯކުގެ ޗެނަލްތައް މެދުވެރިކޮށް ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ.

ފުޓުބޯޅައިގެ ގަދަ ބާރުތައް ކަމުގައިވާ އަދި 2022 ވަނަ އަހަރުގެ ވޯރލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި ސައޫދީ އަރަބިއްޔާ، ޖަޕާން އަދި އޮސްޓްރޭލިއާ ފަދަ ޓީމުތައްވަނީ މި މުބާރާތުގެ ގަދަ 16 އަދި ކުއާޓާ ފައިނަލާ ހިސާބުން މުބާރާތުން އަލްވަދާއު ކިއަން ޖެހިފަ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ފެބްރުއަރީ މަހުގެ 6 އަދި 7 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ސެމީ ފައިނަލުގައި ބައްދަލުކުރާ ޓީމުތައް މިހާރުވަނީ އެނގިގެން ގޮއްސައެވެ. މިހާ ހިސާބުން ސެމީ ފައިނަލުގެ މެޗުތަކަށް އަލިއަޅުވާލަމާ ހިނގާށެވެ.

ސެމީ ފައިނަލް 1 : ޖޯރޑަން – ސައުތް ކޮރެއާ

މެޗު ކުޅޭ ދުވަސް: 06 ފެބްރުއަރީ 2024 މެޗު ކުޅޭ ގަޑި: 20:00

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާ ޖޯރޑަން ޓީމަށް މި މުބާރާތް މިއީ ތާރީޚީ މުބާރާތެކެވެ. މިއީ ޖޯރޑަން ޓީމު މުބާރާތުގެ ތާރީޚުގައި ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ. ގްރޫޕް ސްޓޭޖުން މި ޓީމު ސަލާމަތްވެ ގަދަ 16 އަށް ދަތުރުކުރީ ކިރިޔާ ގްރޫޕުގެ 3 ވަނަ ޓީމުގެ ގޮތުގައެވެ. ނަމަވެސް ގަދަ 16 އިން ފެށިގެން ޓީމުން އަންނަނީ ތަފާތު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ވަރުގަދަ އިރާގް އަތުން ގަދަ 16 ގައި 3-2 ކުން ކުރިހޯދި ކާމިޔާބީ ފާހަގަކޮށްލެވެ އެވެ. އެއަށްފަހު ޖޯރޑަން ސެމީއަށް ދަތުރުކުރީ ތަޖިކިސްތާން އަތުން ކުއާޓަރ ފައިނަލުގައި 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ސައުތު ކޮރެއާ ފާހަގަކޮށްލެވެނީ ޔޫރަޕުގެ ލީގުތަކުގައި ކުޅޭ އެންމެ މަޝްހޫރު ތަރިން ހިމެނޭ ޓީމު ގޮތުގަ އެވެ. އެގޮތުން ޓޮޓްނަމްގެ ސަން، ވުލްވްސް ގެ ހްވަންގް ހީ ޗަން އަދި ޕީ އެސް ޖީގެ ލީ ކަންގް އިން ފާހަގަކޮށްލެވެއެވެ. ސައުތް ކޮރެއާއިންވަނީ މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު އަދި ރަނަރަޕްކަން ހަތަރު ފަހަރު ހޯދާފައެވެ. ސައުތު ކޮރެއާ ސެމީ ފައިނަލަށް ދަތުރުކުރީ ވަރުގަދަ އޮސްޓްރޭލިއާ ބަލިކުރުމަށްފަހުއެވެ.

ސެމީ ފައިނަލް 2 : އިރާން – ގަތަރު

މެޗު ކުޅޭ ދުވަސް: 07 ފެބްރުއަރީ 2024 މެޗު ކުޅޭ ގަޑި: 20:00

މުބާރާތް ބާއްވާ ގައުމު ގަތަރު މި މުބާރާތުގައި ތަފާތުދައްކާނެ ކަމަށް ގިނަބަޔަކު ކުރިންވެސް ގަބޫލުކުރި އެވެ. 2022 ވަނަ އަހަރު ބޭއްވުނު ވޯރލްޑް ކަޕުގައިވެސް ގަތަރު ޓީމުން ވަނީ އެގައުމުގެ ފުޓުބޯޅަ ކުރިއަރަމުންދާ މިންވަރު ދައްކާލާފައެވެ. ހަމައެހެންމެ ގަތަރަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންވެސް މެއެވެ. ހުރިހާ މެޗަކުން މޮޅުވެ ގްރޫޕްގެ އެއްވަނަ ކަށަވަރު ކުރުމަށްފަހު ގަތަރު ޓީމުންވަނީ ގަދަ 16 ގައި ފަލަސްތީނު އަދި ކުއާޓަރ ފައިނަލުގައި އުޒްބެކިސްތާނު މައްޗަށް ކުރި ހޯދާފަ އެވެ.

އީރާންއަކީ ޒަމާނުއްސުރެން އޭޝިއާގެ ފުޓުބޯޅައިގެ ގަދަ ބާރެކެވެ. މުބާރާތުގެ ތާރީޚުގައި ކުޅުނު ހުރިހާ މުބާރާތަކުން ގްރޫޕް ސްޓޭޖުން އީރާން ޓީމު ކަޓާފައިވަނީ އެންމެ އަހަރަކުއެވެ. ޖުމްލަ ތިން ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަންވަނީ މި ޓީމުން ޙާސިލްކޮށްފައެވެ. އީރާން އިންވެސް ވަނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ. އެއަށްފަހު ގަދަ 16 ގައި ސީރިއާ އަތުން ޕެނަލްޓީގައި މޮޅުވިއިރު ކުއާޓަރ ފައިނަލުގައި ވަރުގަދަ ޖަޕާނު އަތުން މިޓީމު ވަނީ މޮޅު ހޯދާފައެވެ.

ހަމަ ގައިމުވެސް މި މެޗުތައް ވެގެންދާނީ ފޯރިގަދަ މެޗުތަކަކަށްކަން ޔަގީންކުރެވޭއިރު، އޭޝިއާގެ ފުޓުބޯޅައިގައި ރަސްކަން ކުރުމަށް މިޓީމުތަކުން ދަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ. ސެމީ ފައިނަލުގެ ދެމެޗު އަދި ފައިނަލް މެޗު މީޑިއާނެޓުން ވަގުތުން ބެލޭނެ އެވެ. މީޑިއާނެޓުން އަންނަނީ ދުނިޔޭގެ އެންމެ ބޮޑު ހަތަރު ލީގު އަތި އެކިކަންކޮޅުތަކުގައި ބާއްވާ އެންމެ ފޯރިގަދަ ކުޅިވަރު މުބާރާތްތައް ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ.