ރައްޔިތުންނަށް ގެއްލުންވާގޮތަށް ޓެލެކޮމް އޮޕަރޭޓަރުން އަމަލުކުރާތީ ރައްޔިތުންގެ މަޖިލީހަށް މިއަދު ޤަރާރެއް ހުށައަޅައިފި އެވެ.

ދިވެހިރާއްޖޭގެ މުވާސަލާތީ ހިދުމަތް ބެލެހެއްޓުމަށް ހަވާލުވެފައިވާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ދިވެހިރާއްޖޭގެ ގާނޫނުތަކަށް ބެލުމެއް ނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާގޮތަށް އަދި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ގިނަ ގުނަ ކަންކަން ތަރުތީބުކޮށްފައިވާތީ، އެކަންކަން ނިމުމަކަށް ގެނައުމަށް ގޮވާލާ މިގަރާރު ހުށައެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

ގަރާރު ހުށަހަޅުއްވަމުން ބޮންޑޭ ވިދާޅުވީ އެ ގަރާރަކީ އިންޓަނެޓު އަގުހެޔޮ ކުރުމުގެ ނަމުގައި އިތުރު ކިތަންމެ ގިނަ ފަރާތްތަކަށް އޮޕަރޭޓިން ލައިސެންސް ދިން ނަމަވެސް އޮޕަރޭޓަރުން އަމަލުކުރަންޖެހޭ މިންގަނޑުތަކާއި ކަސްޓަމަރުންގެ ހައްގުތަކާއި، އޮޕަރޭޓަރުންގެ ޗެކް އެންޑް ބެލެންސް ފަދަ ކަންކަން ބެލޭނެ ފަދަ ގޮތެއް ނެތް ކަމަށެވެ. މިކަންކަން ނެތުމުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުވާނޭ މަގުން އިތުރު ޓެލެކޮމް އޮޕަރޭޓަރަކަށް ބިލިއަނުން ފައިދާވާ ވިޔަފާރިއެއް އުފެއްދުމަށް ދޫކޮށްލެވެން ނެތުމުން ހުށަހަޅާ ގަރާރެއް ކަމަށެވެ.

ރާއްޖޭގެ ޒަމާނީ ފެންވަރެއްގެ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ އެއް ގާއިމު ކުރެވިފައިނުވާ މައްސަލައާއި ރާއްޖޭގައި އޯޕަން އެކްސެސް ނެޓްވާކްގެ ހިދުމަތް ނެތުމުގެ ސަބަބުން އެހެނިހެން ދާއިރާތައް ކުރިއެރުމުގައި ގޮންޖެހުން ގިނަ މައްސަލަ ވެސް ބޮންޑޭ ފާހަގަކުރައްވާފަ އެވެ. އަދި ފްރީކުއެންސީ ސްޕެކްޓްރަމް ޒިންމާދާރު ކުޑަގޮތަކަށް ފްރީކުއެންސީތައް ދިރާގަށާއި އުރީދޫ އަށް ހިލޭ ބަހާލާ، ބޮޑު އަދަދެއް ހުސްކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގައި މިވަގުތު މުވާސަލާތީ ހިދުމަތް ދިނުމުގެ ސިނާއަތް ކޮންޓްރޯލް ކުރަނީ ދިރާގު އަދި އޫރިދޫ އިންނެވެ. އަދި މިއަހަރުގެ ބަޖެޓްގައި އިތުރަށް އާމްދަނީ ހޯދުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި އިތުރު ޓެލެކޮމް ސވިާސް ޕްރޮވައިޑަރަކަށް ލައިސަންސް ދިނުމަށް ހިމަނާފައިވެ އެވެ.