މި އަހަރުގެ ފުރަތަމަ މަހު ދައުލަތުގެ ޚަރަދަށް ވުރެ ލިބުނު އާމްދަނީ 585 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން ޖެނުއަރީ މަހުގެ ތެރޭގައި ދައުލަތަށް 3.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އަދި އެ މަހުގެ ތެރޭގައި ހަރަދުތައް ހުރީ 2.9 ބިލިއަން ރުފިޔާގަ އެވެ.

ދައުލަތުގެ ހަރަދަށް ވުރެ އާމްދަނީ އިތުރުވި ނަމަވެސް މި އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ ދަށް އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން އާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް ލިބިފައިވާ ޢަދަދުގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 3.2 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 328 މިލިއަން ރުފިޔާއާއި އެހީގެ ގޮތުގައި ލިބުނު 2.5 މިލިއަން ރުފިޔާ އެވެ.

ޓެކްސް އާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީއާއި ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ.

އާމްދަނީގެ ހިސާބުތައް:

  • އިމްޕޯޓް ޑިއުޓީން 176.8 މިލިއަން ރުފިޔާ
  • ބީޕީޓީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ
  • ޖީއެސްޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ
  • ގްރީން ޓެކްސްގެ ގޮތުގައި 93.7 މިލިއަން ރުފިޔާ
  • އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 85.2 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޚަރަދުތައް ހުރީ 2.9 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުތައް ހުރީ 4.9 ބިލިއަން ރުފިޔާގަ އެވެ.

ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 2.5 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދަށް ހިނގި 446.9 މިލިއަން ރުފިޔާ އެވެ. އަދި ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 1.1 ބިލިއަން ރުފިޔާއާއި އިދާރީ ހިންގުމަށް ހިނގާފައިވާ 1.4 ބިލިއަން ރުފިޔާ އެވެ. ކެޕިޓަލް ޚަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.