ޑޮލަރުގެ ތާށިކަން ބޮޑުވެ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ކުރާ މުއާމަލާތްތަކުގެ ލިމިޓް ބޮޑުތަނުން ކުޑަކުރަން ނިންމާފައިވާކަން އެނގިއްޖެ އެވެ.

ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރުގައި ޑޮލަރުން މުއާމަލާތް ކުރެވޭ ލިމިޓް ބޮޑުކުރަމުން ގޮސް، އެ ލިމިޓު އެއްކޮށް އުވާލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ޑޮލަރުގެ ތާށިކަން ބޭންކަށް އިންތިހާއަށް ކުރިމަތިވުމުން އެކަން ކުރެވޭނެ މަގެއް އަދި ނުފެނެ އެވެ.

ބީއެމްއެލް އިން މިހާރު ޑެބިޓް ކާޑަށް ދީފައި ވަނީ 250 ޑޮލަރުގެ ލިމިޓެކެވެ. އަދި ކްރެޑިޓް ކާޑުތަކަށް 750 ޑޮލަރުން ފެށިގެން 1500 ޑޮލަރާ ހަމައަށް ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވެ އެވެ.

"ހުރިހާ"އާ ވާހަކަދެއްކި ބީއެމްއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ބޭންކަށް ޑޮލަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވުމާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމާމެދު އެ ބޭންކުން އަންނަނީ މަޝްވަރާކުރަމުންނެވެ. މިގޮތުން ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެނގިފައިވެ އެވެ.

"ބޭންކަށް ޑޮލަރު ލިބޭނެ އިތުރު ގޮތްތަކެއް ސަރުކާރަށް ހަމަޖައްސައި ނުދެވިއްޖެ ނަމަ ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ދެވޭ ލިމިޓް ވެސް ކުޑަކުރަން މަޖުބޫރުވާނެ. ކޮންމެ ގޮތެއް ވިޔަސް ބޭންކުގައި ނެތް އެއްޗެއް ނުދެވޭނެ،" ނަން ނުޖެހުމަށް އެދި ބީއެމްއެލްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ބޭންކަށް ބޭނުންވާ މިންވަރަށް ޑޮލަރު ލިބޭނެ ގޮތްތަކެއް ސަރުކާރަށް ހަމަޖައްސައި ނުދެވިއްޖެ ނަމަ ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުގެ ލިމިޓް ވަރަށް ބޮޑަށް ދަށް ކުރަން ޖެހޭނެ ކަމަށް އެ ބޭންކުގެ މެނޭޖްމަންޓް ޓީމުން ލަފާދީފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ. ނަމަވެސް އެ ލިމިޓް އަދި ކަނޑައެއް ނާޅަ އެވެ.

ރާއްޖެ އިން ބޭރުގައި ކިޔަވާ ކުދިންގެ ޑޮލަރު ލިމިޓް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ފަހުން ބުނީ ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓް ބޮޑުކޮށްދޭން ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ އެކަމުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މިހާރު ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންންނަށް މަހެއްގެ މައްޗަށް ބޭނުންކުރެވޭ ޑޮލަރު ލިމިޓަކީ 750 ޑޮލަރެވެ. ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކުރަން ކެބިނެޓުން ނިންމީ، މިހާރު އޮންނަ 750 އަށް ޑޮލަރު ލިމިޓްވެފައި އޮތުމަކީ ކިޔަވާ ކުދިންނަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމަކަށްވާތީ އެވެ.