ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޔުނިވާސަލް އެންޓަޕްރައިސްސްގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވާ އެމްޔޫ މަނިކު އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވުމަށް ސިޓީ ފޮނުއްވާފައިވާކަން "ހުރިހާ"އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި 10 އަހަރު ހުންނެވުމަށް ފަހު އެމްޔޫ މަނިކު އިސްތިއުފާ ދެއްވަން ނިންމެވީ، މީގެ ކުރިން އެމްއޭސީއެލްގެ ވަޒީފާއިން ވަކިކޮށްފައި ތިބި ދެ މުވައްޒަފަކަށް އަލުން ވަޒީފާ ދިނުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގަންވާތީ ކަމަށްވެ އެވެ.

މުހައްމަދު މަނިކު ބޯޑު ޗެއާމަން ކަމުން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވިއަސް، އޭނާގެ އިސްތިއުފާ ގަބޫލު ކުރައްވައި އެކަން އަންގާފައެއް ނުވެ އެވެ. އަދި އެމްއޭސީއެލްގެ ބޯޑު ޗެއާމަނަކަށް އިތުރު ބޭފުޅަކު އައްޔަން ވެސް ކޮށްފައެއް ނުވެ އެވެ.

އެމްއޭސީއެލްގެ ޗެއާމަން އަކަށް އެމްޔޫ މަނިކު އައްޔަން ކުރެއްވީ 2013 ވަނަ އަހަރު އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އެމްޔޫ މަނިކަކީ ޔުނިވާސަލް އެންޓަޕްރައިޒަސް އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ވެސް ޗެއާމަނެވެ.