ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރަން ނިންމާފައިވާ ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމާމެދު އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަން ބީއެމްއެލުން އެ މިނިސްޓްރީއަށް ކަށަަވަރު ކޮށްދޭ ކަމަށެވެ. އެކަމަކު "ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވުމާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމާމެދު އެ ބޭންކުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. މިގޮތުން ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެނގިފައިވެ އެވެ.

ޑޮލަރު ލިމިޓް ކުޑަކުރަން އުޅޭ ކަމުގެ ޚަބަރު މީޑިއާގައި ރިޕޯޓްކުރުމާ އެކު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބޭންކާ ހަވާލާދީ ބުނީ ބީއެމްއެލްގެ ކާޑުތަކުން ޑޮލަރުން ކުރާ މުއާމަލާތްތައް ލިމިޓުކުރަން ނުނިންމާ ކަމަށެވެ.

ފިނޭންސުން އެހެން ބުނި އިރު، މީޑިއާގައި ވެސް ރިޕޯޓްކޮށްފައިވަނީ ޑޮލަރު ލިމިޓް ކުޑަކުރުމަށް މަޝްވަރާކުރާ ވާހަކަ އެވެ. ވަކި ގޮތަކަށް ނިންމި ވާހަކެއް ނޫނެވެ.

"ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ބޭންކް އޮފް މޯލްޑިވްސް އިން އަދި ނިންމާފައި ނުވާކަމުގެ ޔަގީންކަން އެ ބޭންކުން މި މިނިސްޓްރީއަށް ވަނީ ދެއްވައިފަ އެވެ." ބަޔާނުގައިވެ އެވެ.

ފިނޭންސުން ބުނީ، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އެ މިނިސްޓްރީން މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ބީއެމްއެލްއާ އެކު މަސައްކަތް ފަށައިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އިގްތިސާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާ ގޮތަށް ޚަބަރު ނުފެތުރުމަށް އެދޭ ކަމަށާއި ޒިންމާދާރުކަމާ އެކު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް އެދޭ ކަމަށެވެ.