ދިރާގުން އިންތިޒާމްކޮށްގެން ބާއްވާ އީސްޕޯޓްސް މުބާރާތް، އީއޭއެފްސީ 24 މިނީ ސީރީޒް 1 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފި އެވެ.

އީއޭއެފްސީއަކީ ރާއްޖޭގެ ހުރިހާ އުމުރުފުރައެއްގެ ކުޅުންތެރިން ވެސް ކުޅޭ މަޝަހޫރު ކޮންސޯލް ގޭމެކެވެ. އެގޮތުން ދިރާގު އީއޭއެފްސީ 24 މިނީ ސީރީޒް 1 ބާއްވަން ނިންމާފައި ވަނީ މިމަހުގެ 22-24 އަށް ދިރާގު ދިރާގު ހެޑް އޮފީހުގަ އެވެ. މީގެ އިތުރުން މި އިވެންޓްގެ ތެރޭގައި އިތުރު ގޭމިން އިވެންޓްތައް ވެސް ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު އީއޭއެފްސީ 24 މިނީ ސީރީޒް 1 ގެ އިނާމު ޕޫލަކީ ޖުމްލަ 30،000 ރުފިޔާގެ އިނާމާއެކު:

• ޗެމްޕިއަން: 12،000 ރުފިޔާ

• ރަނަރަޕް: 8،000 ރުފިޔާ

• 3 ވަނަ: 4،000 ރުފިޔާ

• 4 ވަނަ: 2،000 ރުފިޔާ

• 5 ވަނަ، 6 ވަނަ، 7 ވަނަ އަދި 8 ވަނަ: ކޮންމެ ވަނައަކަށް 1،000 ރުފިޔާ

މި މުބާރާތަށް ޝައުގުވެރިވާ ފަރާތްތަކަށް މި ޕޯޓަލް މެދުވެރިކޮށް ފެބުރުވަރީ 20 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 15 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށެވެ. މީގެ އިތުރުން މުބާރާތުން ޖާގަ ހޯދުމަށް ވީހާ ވެސް އަވަހަކަށް ރަޖިސްޓްރީވުމަށް ދިރާގުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އީއޭއެފްސީ 24 މިނީ ސީރީޒް 1 މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާއެކު މުޅި އަހަރަށް ބަހާލައިގެން ދިރާގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް މުބާރާތްތަކުގެ ބައެކެވެ. އެގޮތުން މިދިޔަ މަހުގައި ދިރާގުން ވަނީ މީގެ އެންމެ ފުރަތަމަ މުބާރާތްކަމަށްވާ މޮބައިލް ލެޖެންޑްސް މިނީ ސީރީޒް 1 ބާއްވާފަ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ގޭމަރުންގެ ފަރާތުން މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުގެ މަގްސަދަކީ ރާއްޖޭގެ އީސްޕޯޓްސް އިތުރަށް ތަރައްގީކޮށް ކުރިއަރުވާ، ދިވެހި އީސްޕޯޓްސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއާ ގުޅިގެން މަސައްކަތް ކުރުމަށެވެ.