ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މިއަހަރުގެ ފުރަތަމަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވެ އެވެ. އެހެން އަހަރުތަކޭ އެއް ގޮތަށް މިއަހަރު ވެސް ޖުމްލަ 20 ޕްރޮޖެކްޓެއް ހިންގުމަށް މި ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައެޅިފަ އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ ހައެއްގެ ނިޔަލަށް ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ އެ ބޭންކުން ވަނީ ފޯރުކޮށްދީފަ އެވެ.

ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތާއި ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު ބޭންކުގެ ވެބްސައިޓުން ލިބޭނެ އެވެ.