މަންޓާ އެއާއިން އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރުތައް ފަށައިފި އެވެ.

މި ދަތުރުތައް ކުރާނީ ދ. ކުޑަހުވަދޫ އެއާޕޯޓުން ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ބެންގަލޫރުން ކުޑަހުވަދޫ އެއާޕޯޓަށް މަންޓާގެ ފުރަތަމަ ދަތުރު ކޮށްފައިވަނީ މިއަދު ހެނދުނެވެ. އޭގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އެވެ.

މީގެ ކުރިން މަންޓާއިން ބުނީ ބެންގަލޫރަށް ސީދާ ދަތުރުތައް ފެށުމުން އިންޑިއާއިން އަންނަ ފަތުރުވެރިން ޑޮމެސްޓިކް ފްލައިޓުތަކަށް މަޑުކޮށްގެން ތިބޭ ވަގުތު ސަލާމަތްވާނެ ކަމަށެވެ.

ދ. އަތޮޅުގައި ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތައް ކަމުގައިވާ ކަނޑިންމަ މޯލްޑިވްސް އާއި ނިޔާމަ ޕްރައިވެޓް އައިލެންޑާއި ސެއިންޓް ރެޖިސް މޯލްޑިވްސް އާއި ރިއު އާއި ބަގްލިއޯނީ އާއި އަންގްސާނާ ވެލާވަރާއި ސަން ސިޔާމް އިރު ވެލި ފަދަ ރިސޯޓުތައް ހިންގަ އެވެ. މި ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނަށް އެތައް ގޮތަކުން ލުއިފަސޭހަ ވެގެންދާނެ ކަމަށް މަންޓާ އެއާއިން ބުނެ އެވެ.

"އިންޑިއަން އެކްސްޕްރެސް" އަށް މަންޓާ އެއާގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު މައުމޫން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އިންޑިއާ ރާއްޖޭގެ ދަތުރުތައް މެދުވެރިކޮށް މަންޓާ އެއާގެ ދަތުރުތައް ފުޅާވުމާއެކު އިންޑިއާގެ ފަތުރުވެރިންގެ ޝައުގުވެރިކަމާއި ބުކިންތައް އިތުރުވާނެ ކަމަށެވެ.

މީގެ ސަބަބުން ދ. އަތޮޅުގެ ރިސޯޓްތަކަށް އެކަމުގެ ފައިދާ ކުރަނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

މަންޓާއިން އަންނަނީ ކުޑަހުވަދޫއަށާއި ދަރަވަންދޫއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އޭގެ އިތުރުން ރިސޯޓުތަކަށް ސީޕްލޭންގައި ދަތުރުތައް ކުރެ އެވެ.