ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ "ހިޔަލަ ވީކެންޑް މާކެޓް"ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ހަވީރު 4:00 ން 11:00 އަށް ހުޅުމާލެ ފޭސް 1ގެ ކޮންޓެއިނާ މި މާކެޓް ކުރިއަށްގެންދެ އެވެ.

"ޕަވާޑް ބައި ދިރާގު"ގެ ގޮތުގައި ކުރިއަށްގެންދާ މި މާކެޓުގެ އަމާޒަކީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވައި އެފަރާތްތަކުގެ އުފެއްދުންތައް ދައްކާލައި ވިއްކުމަށް ޚާއްސަ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ. އެގޮތުން ކޮންމެ ހަފުތާއަކުވެސް 18 އަންހެން ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ބީސީސީއިން ދެ އެވެ. އެގޮތުން އެ މުއައްސަސާއިންވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ނަން ހުށަހަޅާ ވެއިޓްލިސްޓް ކުރުމުގެ އިންތިޒާމު ހަމަޖައްސާފަ އެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި އަންހެނުން މާލީ ގޮތުން ބާރުވެރިކުރުވުމުގެ މަޤްސަދުގައި ހިންގާ 'ހިޔަލަ ވީކެންޑް މާކެޓް' ފަދަ އިވެންޓްގެ ޑިޖިޓަލް ޕާޓްނަރަކަށްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަންހެނުން ބާރުވެރިކުރުވުމަކީ އަޅުގަނޑުމެންގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް ފޯކަސް ދާއިރާ. އެގޮތުން މި ޕްލެޓްފޯމުގެ ސަބަބުން މުޖުތަމަޢުގެ ތަފާތު އަންހެން ވިޔަފާރިވެރިންނަށް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މީހުންނަށް އިނގި، އައު ފުރުސަތުތަކެއް އެފަރާތްތަކަށް މަގުފަހިވެގެން ދާނެކަމަށް އުންމީދު ކުރަން،" ދިރާގުގެ މެނޭޖާ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އެކު 'ހިޔަލަ ވީކެންޑް މާކެޓް'ގެ ޕާޓްނަރަކަށްވެ، ދެއްވަމުންގެންދަވާ އެއްބާރުލުމަށް ދިރާގަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެންގެ އުންމީދަކީ ދިރާގާ އެކު މަސައްކަތްކޮށް، މި ޕްލެޓްފޯމް އިތުރު އަންހެން ވިޔަފާރިވެރިންނަށް ފޯރުކޮށްދީ، އެފަރާތްތަކުގެ އުފެއްދުންތައް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އާންމުންނާ ހަމައަށް ވާސިލްކޮށްދިނުން،" ބީސީސީގެ ޑިރެކްޓަ ކޮމާޝަލް، މުޙައްމަދު ޖައުޝަން ވިދާޅުވި އެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.