މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އެގްޒެކެޓިވް ބޯޑު މެންބަރަކަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ސީއީއޯ އިބްރާހިމް ޝަރީފް އިންތިހާބުކޮށްފި އެވެ.

އިބްރާހިމް ޝަރީފް ބޯޑު މެންބަރަކަށް އިންތިހާބުކޮށްފައި ވަނީ މަޓީގެ 34 ވަނަ އަހަރީ އާއްމު ޖަލްސާގަ އެވެ. ޝަރީފްގެ އިތުރުން، އެގްޒެކެޓިވް ބޯޑުގެ މެމްބަރަކަށް ރިޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސްގެ ޖެނެރަލް މެނޭޖަރު ރެނާޓޯ ދި އޮލިވޭރާވެސް ވަނީ އިންތިހާބުކޮށްފަ އެވެ. އާ މެމްބަރުން ބޯޑަށް އިންތިހާބުކޮށްފައި ވަނީ ކުރިން އެ މަގާމުގައި ތިއްބެވި މެމްބަރުން އިސްތިއުފާދިނުމާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ވަނީ މަޓީގެ ބޯޑު މެމްބަރުންގެ ދައުރު 2026 ވަނަ އަހަރަށް ދެމިގެންދާ ގޮތަށް ބަދަލުކޮށްފަ އެވެ.

މަޓީގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން...

މަޓީގެ ޗެއާމަނަކީ ޔުނިވާސަލްގެ ގުރޫޕްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. ވައިސް ޗެއާމަނުންގެ ގޮތުގައި ތިއްބަވަނީ ޗަމްޕާ ގުރޫޕްގެ ހިއްސާދާރު ހުސައިން އަފީފާއި ވޮޔޭޖަސް މޯލްޑިވްސްގެ ހިއްސާދާރު ޞަލާހު ޝިހާބެވެ. ސެކްރެޓަރީ ޖެނަރަލަކީ ކްރައުން ކޮމްޕެނީގެ ހިއްސާދާރެއް ކަމަށްވާ އަހްމަދު ނަޒީރެވެ.

މަޓީގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން...

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ އަހަރީ އާއްމު ޖަލްސާގައި 100 މެމްބަރުން ބައިވެރިވި އެވެ. މަޓީއަކީ ރާއްޖޭގެ ރިސޯޓްތައް ތަމްސީލްކުރާ މައި ޖަމްޢިއްޔާ އެވެ. މި ޖަމްޢިއްޔާގެ މެމްބަރުން ހިއްސާވާ ރިސޯޓްތަކުގެ އަދަދު އުޅެނީ 120 އަށްވުރެ މަތީގަ އެވެ.