ސްޓެލްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޒުހޫރު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ ޒުހޫރު އެޗްޑީސީގެ ޗެއާމަންގެ މަގާމަށް މިހާރު އައްޔަން ކޮށްފައިވާ ކަމަށެވެ.

ޒުހޫރު ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ.

ރައީސް ޔާމީން ވެރިކަމުގައި ޒުހޫރު ފުރަތަމަ ހުންނެވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގަ އެވެ.

އޭގެ ފަހުން ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން އަދި ހޯމް މިނިސްޓަރުކަން ކުޑަ ދުވަސްކޮޅަކަށް ކުރެއްވި އެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ޒުހޫރުއާ ހަވާލު ކުރެއްވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓާރުގެ މަގާމުގައި ހުންނެވީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ފަޒުލް ރަޝީދު އެވެ. ބޯޑުގެ ޗެއާގެ އިތުރުން އެ ކުންފުނީގެ ބޯޑުގައި އަށް ބޭފުޅުން ތިއްބަވަ އެވެ.

މިދިޔަ ސަރުކާރުން އެޗްޑީސީ ރީބްރޭންޑްކޮށް އެތަނުގެ ނަން އާބަންކޯ އަށް ބަދަލުކުރި އެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އަނެއްކާވެސް ވަނީ އެ ކުންފުނީގެ ނަން އެޗްޑީސީ އަށް ބަދަލުކޮށްފަ އެވެ.