ގައުމީ އެއާލައިން މޯލްޑިވިއަނަށް އޭޓީއާރު މަރުކާރުގެ އިތުރު ދެ މަތިންދާ ބޯޓު ހޯދުމާ ގުޅޭ އެއްބަސްވުމުގައި އޭޓީއާރު ކުންފުންޏާ އެކީ ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިހާރު ސިންގަޕޫރުގައި ކުރިއަށްދާ އެއާޝޯގެ ތެރެއިންނެވެ. އެއްބަސްވުމުގައި އައިލެންޑު އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.

މޯލްޑިވިއަން އަށް ގެނައުމަށް ނިންމާފައިވަނީ އޭޓީއާރު 42-600 މަރުކާގެ މަތިންދާ ބޯޓެވެ. އަލަށް ގެންނަ މަތިންދާ ބޯޓުތަކާ އެކު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ އޭޓީއާރު މަރުކާގެ ބޯޓުތަކުގެ އަދަދު ހަތަކަށް އަރާނެ އެވެ.

އޭޓީއާރު ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ ބޯޓުތައް އިތުރުކުރުމުން ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ރަނގަޅު ހިދުމަތެއް ދެވޭނެ ކަމަށެވެ. އަދި ހަރަދު ކުޑަ ބޯޓުތަކަކުން މުޅި ރާއްޖެ ގުޅާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވިއަނުން ދަނީ އެއެއާލައިންގެ އުދުހުންތަކުގައި ވައިޑް ބޮޑީ އެއާކްރާފްޓްތައް ވެސް ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު ވަނީ ބޮއިން 8-787 މަރުކާގެ މަތިންދާބޯޓެއް ހޯދަން އިއުލާންކޮށްފަ އެވެ.

ބޮއިންގ 8-787 މަރުކާގެ މަތިންދާބޯޓަކީ ވެސް ޒަމާނީ ސިފަތަކެއް ހިމެނޭ އަދި ތެލުގެ ހަރަދު ކުޑަ މަތިންދާ ބޯޓެކެވެ. ޑްރީމްލައިނާގެ ނަން ދީފައިވާ މި މަތިންދާ ބޯޓަކީ ދިގު ދަތުރުތަކަށް ގިނަ އެއާލައިންތަކަކުން ބޭނުންކުރާ މަތިންދާބޯޓެކެވެ. ކުރިއަށް އޮތް ހަ މަސް ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް، އާ މަންޒިލްތަކަށް ދަތުރު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.