ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފި އެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި، ގއ. ވިލިނގިލީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ވިލިނގިލީގެ ބިން ހިއްކުމާއި ރަށުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށްދެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު އެކަން އިއުލާނުކުރެއްވީ ކެމްޕެއިންގެ ތެރެއިން މިދިޔަ އޮގަސްޓްމަހު ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ ބްރިޖް ޚަލީފާ އެޅުމުގައި ހަރަކާތްތެރިވި ކުންފުންޏެއް ކަމަށްވާ، އެންވީބީ ސިކްސް ކުންފުންޏާ އެވެ. މިކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު، ސާވް ޑޮލްމަންސް އެވެ.

މިމަޝްރޫއުގައި ކުރިއަށްދާނެ މައިގަނޑު މަސައްކަތަކީ ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމާއި ގއ. އަތޮޅުގައި ޓޫރިޒަމް ސިނާއަތު ކުރިއެރުވުމަށް އިންވެސްޓްކޮށް ތަރައްގީކުރުމެވެ. މި މަޝްރޫއުގެ ދަށުން 2.2 ކިލޯ މީޓަރުގެ ރަންވޭއަކާއި، ޓްރާންސިޓް ހޮޓަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ ހުރިހާ ވަސީލަތެއް ތަރައްގީ ކުރާނެ އެވެ.

މީގެ އިތުރުން މަތީ ފަންތީގެ ރިޒޯޓުތަކާއި، ހޮޓާތަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިއީ 500މިލިއަން ޑޮލަރާއި 750 މިލިއަން ޑޮލަރާއި ދެމެދުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފަ އެވެ.

މިޕްރޮޖެކްޓްގައި އެއަރޕޯޓް ތަރައްގީކުރަނީ ރަށުގެ ފަޅުން ބިން ހިއްކައިގެންނެވެ.

ވިލިނގިލީ ފަޅުތެރޭގައި ހަދާ އެއާޕޯޓުގެ ކުރެހުމެއް

މުޅި ހުވަދުއަތޮޅުގައި ޑޮމެސްޓިކް 4 އެއާޕޯޓް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރެއިން ގއ. އަތޮޅުގައި ހިންގާ ހަމައެކަނި އެއާޕޯޓް ކޫއްޑޫ އެއާޕޯޓް ހިންގަމުން އަންނަނީ އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.

ރައީސްގެ ވިސްނުންފުޅަކީ ވިލިނގިލީގައި އެއާޕޯޓް ތަރައްގީކޮށް ބޭނުންކުރަން ފެށުމުން، މިހާރު މި ސަރަހައްދުގައި ބޭނުންކުރަމުން އަންނަ ކޫއްޑޫ އެއާޕޯޓް ޓްރެއިނިން އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރުމަށެވެ.