ކޮލަމާފުށީގެ ރައްޔިތުންގެ އިގްތިސާދީ ތަރައްގީއަށްޓަކައި، ކުރަން ވައުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދޭނެކަމުގެ ޔަގީންކަން ދެއްވައި، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު ހަގީގަތަކަށް ހަދައިދެއްވާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ގއ. ކޮލަމާފުށި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮލަމާފުށި ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ތެރެއިން ސިޓީ ހޮޓަލެއް އަޅައިދެއްވާނެކަމަށާއި، މުޅި މަޝްރޫއު އެކީ ހަގީގަތަކަށް ހަދައިދެއްވާނެކަމުގަ އެވެ. އަދި އެކަމަށްޓަކައި އިކޮނޮމިކް ކައުންސިލް ތެރެއިން ކުރަންހުރި މަސައްކަތްތައްކޮށް ވީ އެންމެ އަވަހަކަށް އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުން ގައުމަށް ތަރައްޤީ ގެނައުމަށް މަސައްކަތް ކުރައްވާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން މަސައްކަތްކުރައްވާނީ ހަމައެކަނި މިހާރު އޮތް ބަޖެޓަށް ބަރޯސާވެގެން ނޫންކަމުގަ އެވެ. އަދި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރިއަށްދާނީ އިންވެސްޓަރުންނާއި ޑިވެލޮޕަރުން ގެނެސް، ޕްރައިވެޓް ސެކްޓަ ކުރިއަރައި، އަދި އިންވެސްޓަރުން ޝައުޤުވެރިވާފަދަ މަޝްރޫއުތަކަށް ޖާގަދީގެން ކަމުގަ އެވެ.