މި އަހަރުގެ ރޯދަ މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދު ކުރި ނަމަވެސް ބީއެމްއެލްގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން މިއަދު ބުނީ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓާތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން މެންދުރު 12:00 އަށެވެ. އަދި ރޯދަ މަހުގެ ފަހު ދިހައެއްގައި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ބޭންކު ހުޅުވައި ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައް ވެސް ރޯދަ މަހު ކަސްޓަމަރުންނަށް ދިނުމަށް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ.

ބީއެމްއެލް އިން ބުނީ ކަސްޓަމަރުންނަށް ބޭންކުގެ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށް ނުވަތަ އާޔާ އަދި ފޭސްބުކް މެސެންޖަ އިން ލައިވް އޭޖަންޓަކާ ވާހަކަ ދައްކައިގެން ހިދުމަތް ހޯދޭނެ ކަމަށެވެ. އަދި ބީއެމްއެލް މޯބައިލް އެޕް، ވަޓްސްއެޕް، ވައިބަ އަދި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް ބޭންކުގެ ހިދުމަތް ހޯދޭނެ ކަމަށް ބުންޏެވެ.

ބީއެމްއެލް އިން ކަސްޓަމަރުންގެ ކިބައިން އެދިފައިވަނީ އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް މެދުވެރިކޮށް ބޭންކުގެ ހިދުމަތްތައް ހޯދުމަށެވެ.

ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ރައީސް މުއިއްޒު ވަނީ ކަނޑައަޅުއްވައިފަ އެވެ.