ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން 35000 ރުފިޔާއިން މަތިން ހަރަދުކުރާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ދައުލަތުގެ އިދާރާތަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސާކިއުލާއެއްގައި ވަނީ އަލަށް މުވައްޒަފުން ނުނެގުމާއި މުވައްޒަފެއް ނަގާނަމަ މިނިސްޓްރީގެ ހުއްދަ ނެގުމާއި މުސާރައަށް ބަދަލު ނުގެނައުމާއި ބަޖެޓްގައި އެލަވަންސް ފައިސާ ހިމަނާފައިވީ ނަމަވެސް އެއްވެސް އާ އެލަވަންސެއް ނުދިނުމަށާއި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ފިޔަވާ އިތުރު ގަޑީގައި މުވައްޒަފުން ނެރެގެން މަސައްކަތް ނުކުރުމަށްވެސް އަންގާފަ އެވެ.

މީގެއިތުރުން 35،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ކޮށްގެން ދަތުރެއް ކުރާނަމަ އަދި ތަމްރީން ޕްރޮގްރާމަކަށް ނުވަތަ އޮފީހުގެ މަރާމާތަކަށްވެސް 35،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ކުރާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެގުމަށްވެސް އަންގާފައިވެ އެވެ. އަދި އާ އިތުރު ސްކޮލާޝިޕް ނުދިނުމަށާއި ރާއްޖެއިން ބޭރަށް ރަސްމީ ދަތުރެއް ކުރާނަމަވެސް މިނިސްޓްރީގެ ހުއްދަ ނެގުމަށް އަންގާފައިވެ އެވެ.

މީގެއިތުރުން ފިނޭންސް މިނިސްޓްރީ ބުނީ އެ މިނިސްޓްރީއަށް ހުއްދަ ހޯދުމަށް ހުށަހަޅާއިރު، މަޝްރޫއުގެ އިންޖިއަރިންގެ އެސްޓިމޭޓު، މަޝްރޫއުގެ ފުރިހަމަ ސްކޯޕު އަދި ޓެންޑާ ކުރެވޭ މަސައްކަތަށް ޖުމްލަ ހިނގާނެ ހަރަދާއި އޭގެ ތަފްސީލުވެސް އިނގޭ ގޮތަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ފިނޭންސް އިން ވަނީ މި ސާކިއުލާއާ އެއްގޮތަށް އަމަލުކޮށް، ކައުންސިލްތަކުންވެސް ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ފައިސާއިން ހަރަދު ކުރުމަށާއި، ހަރަދުތައް ކައުންސިލުގެ ބަޖެޓުގެ ތެރެއިން ހަމަޖައްސައި، ހަރަދުތަކުގެ އެފިޝެންސީ އިތުރު ކުރުމަށް ސަމާލުކަން ދިނުމަށްވެސް ވަނީ އެދިފަ އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަންް ފިނޭންސް މިނިސްޓްރީން އަންގާފައި މިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ދަށްވުމުންނެވެ. އިގްތިސާދު ރަނގަޅު ކުރުމަށް ސަރުކާރުން މީގެ ކުރީން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ.

ހަރަދު ކުޑަކުރަން ވަރުގަދަ ފިޔަވަޅުތަކެއް އެޅިއިރު ސަރުކާރުން ގެންދަނީ އެތައް ބިލިއަން ރުފިޔާއެއްގެ މަޝްރޫއުތައް އިއުލާންކޮށް އަދި މަޝްރޫއު ފަށަމުންނެވެ.