ދައުލަތުން މިއަހަރުގެ މިހާތަނަށް 4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް ހުރި މިންވަރަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދަށް ހިނގާފައިވާ 5.9 ބިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، 30 އިންސައްތަ ދަށް އަދަދެކެވެ.

އެގޮތުން ރިކަރަންޓް ހަރަދަށް 3.1 ބިލިއަން ރުފިޔާ ހިނގިއިރު ކެޕިޓަލް ހަރަދަށް ހިނގާފައިވަނީ 905 މިލިއަން ރުފިޔާ އެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމެނޭ 3.1 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ހަރަދުކޮށްފައިވާ 1 ބިލިއަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 2.1 ބިލިއަން ރުފިޔާ އެވެ.

ކެޕިޓަލް ހަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ހިނގާފައިވާ ހަރަދެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

ދައުލަތަށް ލިބިފައިވާ އާމްދަނީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 3.9 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނޭ 505 މިލިއަން ރުފިޔާ، އެހީގެ ގޮތުގައި ލިބިފައިވާ 9.9 މިލިއަން ރުފިޔާ ހިމެނެ އެވެ.

މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތުގެ ހަރަދަށްވުރެ އާމްދަނީ 400 މިލިއަން ރުފިޔާ އިތުރުކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.