މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) ރޭ އިފްތިތާހުކޮށްފި އެވެ.

މިޖަމިއްޔާގެ ރައީސްއަކީ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތުއެވެ. އަދި ޖަމިއްޔާގެ ޗެއާޕާސަންއަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓްރ ސައުދުއެވެ. ޖަމިއްޔާގެ ނާއިބު ރައީސްއަކީ އަމިނަތު މުޒުނީނާ އެވެ.

އެމްޓީއޭއަކީ, ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ރަގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެހާ ފަރާތްތަކަށް އެއްބާރުލުން ދީ, ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން, ވިޔަފާރިވެރިންގެ މަސްލަހަތުގައި ވަކާލާތުކުރުމަށް އުފެއްދި ޖަމިއްޔާއެކެވެ.

އެ ޖަމިއްޔާއިން ބުނެފައިވަނީ، ކުރިޔަށް އޮތް ތަނުގައި ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންނާއި ގުޅުވާ ދިނުމަށް މަސައްކަތް ކުރުމުގެ އިތުރުން, ވިޔަފާރަވެރިންނަށް ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތައް ސަރުކާރުގެ ކަމާއި ގުޅުންހުރި މުވައްސަސާތަކާހަމައަށް ގެންގޮސްދިނުމަށް މަސައްކަތް ކުރާނެ ކަމުގަ އެވެ. އަދި ވިޔަފާރަވެރިންގެ ހައްގުގައި އަޑު އުފުލުމުގެ އިތުރުން, ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ދިވެހި ވިޔަފާރަވެރިންނަށް އިތުރު ފުރުސަތު ފަހިކޮށް ދިނުމަށް މިޖަމިއްޔާއިން މަސައްކަތް ކުރާނެކަންވެސް ޖަމިއްޔާއިން ބުނެފައިވެ އެވެ.

އޭގެ އިތުރުންވެސް ރާއްޖެއަށް ކުރިމަތިވާ އިގްތިސާދީ މައްސަލަތައް ފާހަގަކޮށް, އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމީ ފެންވަރުގައި މަޝްވަރާދީ, އެމަގުން ބިނާކުރަނިވި ގޮތުގައި ޚިޔާލު ފާޅުކޮށް, ދިވެހި އިގްތިސާދު ކުރިއެރުވުމަށް ޖަމިއްޔާއިން ކުރިޔަށް އޮތްތަނުގައި މަސައްކަތް ކުރާނެކަމަށްވެސް ބުނެފައިވެ އެވެ.

ހަމަ އެއާއެކު, ވިޔަފާރިއާއި އިގްތިސާދާ ގުޅުންހުރި ކަންކަމުގައި ސަރުކާރުގެ ސިޔާސަތުތަކަށް ބިނާކުރުވަނިވި ގޮތެއްގައި މިނިވަންކަމާއެކު ފާޑުކިޔުމުގެ އިތުރުން, ސަރުކާރުތަކުން އެކުލަވާލާ އިގްތިސާދީ ސިޔާސަތުތަކަށް ފަންނީ ލަފާ ދިނުމާއި, އެ ސިޔާސަތުތައް އެކުލަވާލެވިގެންދާއިރު ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތް ކުރުމަށް އެޖަމިއްޔާއިން ވެދެވެން އޮތް އެހީތެރިކަމެއް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުން ދާނެކަމަށް ޖަމިއްޔާއިން ބުނެފައިވެ އެވެ.