ދިރާގުގެ އެންމެ ފަހުގެ އީސްޕޯޓްސް އިވެންޓް، ދިރާގު އީއޭއެފްސީ މިނީ ސީރީޒް 1 ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ދިރާގުން ބުނީ 500 އަށްވުރެ ގިނަ ކުޅުންތެރިންނާ އެކު އީއޭއެފްސީ މިނީ ސީރީޒް 1 ކުރިއަށް ގެންގޮސްފައިވަނީ ދިރާގު ހެޑް އޮފީހުގައި ތިން ދުވަހުގެ ފިޒިކަލް އިވެންޓެއްގެ ގޮތުގައި ސަޕޯޓަރުންނާއި އާންމުންނަށް މެޗުތައް ލައިވްކޮށް ބަލާލެވޭ ގޮތަށެވެ. އަދި އީއޭއެފްސީ 24 ގެ އިތުރުން ދިރާގުން ވަނީ ޓެކްކެން އޯޕަން މުބާރާތަކާއި އީއޭއެފްސީ ޑުއޯސް އަދި މޯޓަލް ކޮމްބަޓް ޗެލެންޖްތައް ވެސް މި އިވެންޓުގައި ކުރިއަށް ގެންގޮސްފަ އެވެ. އޮގުތުން މި އިވެންޓުގައި ޖުމްލަ ޕްރައިޒް ޕޫލަކީ 40،000 ރުފިޔާ އެވެ.

އީއޭއެފްސީ 24 މިނީ ސީރީޒް 1 މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ޚާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާ އެކު މުޅި އަހަރަށް ބަހާލައިގެން ދިރާގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް މުބާރާތްތަކުގެ ބައެކެވެ. އެގޮތުން މި އިވެންޓަށް ދިވެހި ގޭމިން ކޮމިއުނިޓީގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، ކުޅުންތެރިންގެ ހުނަރާއި ގާބިލުކަން ކުރިއެރުވުމަށާއި އެކި އެކި ގޭމިންގ ކޮމިއުނިޓީތައް އާންމުންނަށް އިތުރަށް އިނގުމަށް މިފަދަ މުބާރާތްތަކުގެ މުހިންމުކަން ގިނަ ގޭމަރުން ވަނީ ފާހަގަކޮށްފަ އެވެ.

ވަރުގަދަ މެޗުތަކަކަށް ފަހު ދިރާގު އީއޭއެފްސީ މިނީ ސީރީޒް 1 ގެ ޗެމްޕިއަންކަން ޓީމް ޔުނިފައިޑް ނިއު ޖެނެރޭޝަންއިން ނަގާފައިވާއިރު ރަނަ-އަޕްގެ މަޤާމު ލިބިފައިވަނީ ޓީމް ޕީއެންޑީ.އެކްސްއެމްއެލްއަށެވެ. އަދި މުބާރާތުގެ ތިން ވަނަ ހޯދާފައިވަނީ ޓީމް ޔުނިފައިޑް ސްޕޯޓްސް ކްލަބް އެވެ. ޓެކްކެން އޯޕަން ޓޯނަމަންޓްގެ ޗެމްޕިއަންކަން ނެގީ މުޙައްމަދު އަޝްވާން އެވެ. އަދި ރަނަ-އަޕްކަން ނަގާފައިވަނީ އަޙްމަދު ތާބިޝް އެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްޤީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުން ދެމުންނެވެ.