ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 1.7 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކައިފި އެވެ.

މިއީ މިއަހަރުގެ ތެރޭގައި ޓީ-ބިލް ވިއްކަން ހުޅުވާލި ތިންވަނަ ފަހަރެވެ.

ޓީ-ބިލުތައް ވިއްކުމަށްފަހު ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު 28 ދުވަހުން އަނބުރާ ދެއްކުމަށް 786 މިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް 46 މިލިއަން ރުފިޔާގެ ޓީބިލެއް ވަނީ ވިއްކާފަ އެވެ.

މީގެ އިތުރުން 183 ދުވަހުން އަނބުރާ ދެއްކުމަށް 231 މިލިއަން ރުފިޔާގެ ޓިބިލަކާއި 365 ދުވަހުން އަނބުރާ ދެއްކުމަށް 660 މިލިއަން ރުފިޔާގެ ޓީބިލެއް ވަނީ ވިއްކާފަ އެވެ.

ޓީ- ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.

ޓީ-ބިލްއަކީ ގަވަމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.