މ. މުލަކުގައި މިފްކޯގެ މަސް ބަނދަރެއް ހަދަން 56.1 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އެވެ. އަދި ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

އެ މިނިސްޓްރީން ބުނީ އެ މަޝްރޫޢުގެ ދަށުން، 22،240 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 8،640 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 3،200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ މަސައްކަތް 300 ދުވަސްތެރޭ ނިންމަން ޖެހެ އެވެ.

މުލަކުގައި ބަނދަރަކީ ފިޝަރީޒް މިނިސްޓްރީން އިސްނަގައިގެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިންނަށް މަސް ކިރޭނެ އިންތިޒާމް ހަމަޖެއްސުމަށް މިފްކޯއާއި ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ނިމުމާއިއެކު މުލަކުގެ ބަނދަރަށް ބޮޑެތި ބޯޓުތަކަށް ކައިރިކުރެވޭނެ އެވެ.