ދައުލަތުގެ ހުރިހާ އޮފީސްތަކުން އަންނަ މަހުގެ 25 އިން ފެށިގެން ފައިސާ ބަލައިގަންނާނީ ހަމައެކަނި ޑިޖިޓަލް ވަސީލަތްތަކުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން މާލިއްޔަތާއި ބެހޭގޮތުން އާންމުކުރި ސަރކިއުލާއެއްގައި ވަނީ ދައުލަތުގެ ހުރިހައި އޮފީސްތަކުން ބަލައިގަންނަ ފައިސާ މޯބައިލް ޕޮއިންޓް އޮފް ސޭލް މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ފޮނުވުމަށް އަންގައިފަ އެވެ. އަދި މޯބައިލް ޕޮއިންޓް އޮފް ސޭލް މެދުވެރިކޮށް ބަލައިގަންނަ ފައިސާގެ ހިސާބުތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.8 މާއްދާގައި ވާގޮތުގެ މަތިން ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ރިކޯޑްކުރަމުން ގެންދިއުމަށް ވެސް ވަނީ އަންގައިފަ އެވެ.

އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ ހުރިހާ އޮފީސްތަކުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް ފިނޭންސް މިނިސްޓްރީން އެންގިއިރު، އެކަމުން ތިން އޮފީހެއް އިސްތިސްނާވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެއީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާއި، ރާއްޖެއިން ބޭރުގައި ގާއިމްވެފައިވާ ދައުލަތުގެ އޮފީސްތަކާއި، ލޯކަލް ކައުންސިލްތަކެވެ.

ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ޚިދުމަތްތައް ކުރިއަރުވައި ރާއްޖޭގެ އިގްތިސާދުގައި ޗެކާއި ނަގުދުު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ދައުލަތުގެ އޮފީސްތަކުން ބަލައިގަންނަ ފައިސާ ބޭންކް އޮފް މޯލްޑިވްސްގެ ޕޮއިންޓް އޮފް ސޭލް މެދުވެރިކޮށް ބަލައިގަނެވޭނެ އިންތިޒާމް ފިނޭންސް މިނިސްޓްރީން ވަނީ ތައާރަފްކޮށްފަ އެވެ.