"ރަށް ފެހި" ޕްރޮގްރާމުގެ ދަށުން މިއަހަރު 5،000 ގަސް އިންދުމަކީ އަމާޒެއް ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ކުރިއަށްގެންދާ ގަސްއިންދުމުގެ ހަރަކާތަކީ މުޅި ރާއްޖެ ފެހިކުރުމަށް ސަރުކާރުން ފަށާފައިވާ "ރަށްފެހި" ޕްރޮގްރާމާ ގުޅުވައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިއީ ތިމާވެއްޓަށް ހޭލުންތެރިކޮށް ތިމާވެއްޓާއި ރައްޓެހި ކަންކަމަށް މީހުން އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ސްޓެލްކޯއިން ވަނީ މި ޕްރޮގްރާމް ހުއްޓާނުލާ ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ކުރިއަށްގެންދަން ނިންމާފަ އެވެ. އެގޮތުން ކުރީ ދެ އަހަރެކޭ އެއްގޮތަށް "ރަށް ފެހި" ޕްރޮގްރާމުގެ ދަށުން ގަސް އިންދުމުގެ ހަރަކާތްތައް ސްޓެލްކޯއިން މިއަހަރު ވެސް ވަނީ ފަށާފަ އެވެ. ނަމަވެސް މިއަހަރުގެ ގަސް އިންދުމުގެ ހަރަކާތްތައް ފަށާފައި ވަނީ މާލޭ ސަރަޙައްދު ފިޔަވައި ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮގްރާމުގެ ތެރެއިން 2019 ވަނަ އަަހަރު 2000 ގަސް، އަދި 2020 ވަނަ އަހަރު 3،000 ގަސް އެކުންފުނީގެ މުވައްޒަފުން އިންދާފައިވެ އެވެ. އަދި މިއަހަރުގެ އަމާޒަކީ 5،000 ގަސް އިންދުން ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

މުޅި ރާއްޖެ ފެހިކުރުމަށް ހިންގާ ޤައުމީ ޙަރަކާތް "ރަށް ފެހި" ޕްރޮގްރާމް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އިފްތިތާޙުކޮށްދެއްވާފައިވަނީ 15 ޑިސެމްބަރު 2018 ގަ އެވެ.

މިއީ ތިމާވެއްޓާ ރަށްޓެހި އާދަތަކަށް ޢާއްމުން ހޭލުންތެރިކުރުވުމަށާއި، ތަރައްގީއާއެކު ގެއްލެމުންދާ ރާއްޖޭގެ ފެހިކަން އަލުން ދިރުވައި އާލާކުރުމާއި، ރާއްޖޭގެ ރަށްތަށް ފެހިކުރުމުގައި ޢާއްމުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ސަރުކާރުން ފެއްޓެވި ޚާއްސަ ޕްރޮގްރާމެކެވެ.