ޓޫރިޒަމް ތަރައްގީކުރުމަށް ހއ. ކެލާއިން ބިންދޫކުރަން ނިންމައި، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާ ތަރައްގީކުރުމަށް ބިންދޫކުރަން ނިންމި ނިންމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ޚުއްސާން އެވެ. އަދި ކެލާ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އާދަމް ގުފްރާން އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ކެލާއިން ޖުމްލަ 14 ބިމެއް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން ދޫކުރަނީ ގެސްޓްހައުސް ތަރައްގީކުރުމަށް 5،000 އަކަ ފޫޓުގެ 12 ބިން އަދި ޓޫރިސްޓް ހޮޓާ ތަރައްގީކުރުމަށް 10،000 އަކަފޫޓުގެ ދެ ބިން ކަމަށެވެ.

ކެލާ ކައުންސިލުން ބުނިގޮތުގައި އެބިންތައް ތަރައްގީކުރުމަށް މިމަހުގެ ތެރޭގައި ބީލަމަށް ހުޅުވާލާނެ އެވެ. ފަތުރުވެރިކަން ތަރައްގީކުރުމަށް ބިން ދޫކުރުމަކީ އެރަށުގެ ތަރައްގީއަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ކައުންސިލުން ވަނީ ސިފަކޮށްފަ އެވެ. އަދި މީގެ ސަބަބުން އެ ރަށުގައި ވަޒީފާގެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ދާއިރާގެ މަސައްކަތްތަކުގައި ކައުންސިލްތަކުގެ ދައުރު އިތުރަށް ފުޅާކުރުމަކީ މިސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމް ތަރައްގީކޮށް އޭގެ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަކީ މިސަރުކާރުގެ ސިޔާސަތެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ސިޔާސަތުގެ ދަށުން ކައުންސިލްތަކާ ގުޅިގެން ބިން ދޫރުކުމުގެ މަސައްކަތްގެ ތަފާތު މަރުހަލާތަކުގައި މިހާރު ވެސް ކެލާގެ ކައުންސިލްގެ އިތުރުން ގދ. ވާދޫ ކައުންސިލާއި، ހއ. ހޯރަފުށީ ކައުންސިލުގެ އިތުރުން އައްޑޫގެ ކައުންސިލާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.