އެސްޓީއޯ އިން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން އޮތޯރިޓީ (ޓިވެޓް) އާ ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ "އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމް" އިފްތިތާހްކުރުމުގެ އެމްއޯޔޫގައި މިއަދު ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި ޓިވެޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެއޮތޯރިޓީގެ ޑިރެކްޓަރު އައިމނަތު އަސްރާ އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާ އެވެ.

އެސްޓީއޯ އިން ބުނީ އެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދާނީ ފުލްޓައިމްކޮށް، މަސައްކަތު މާހައުލުގައި ދެވޭ ތަމްރީން ޕްރޮގްރާމެއްގެ ގޮތުގައި ކަމަށެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ވަޒީފާގެ މާހަވްލުގައި އުޅެމުން މަސައްކަތުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދިއުުގެ އިތުރުން ވަޒީފާގެ ދާއިރާގެ މަސައްކަތާ ގުޅޭގޮތުން އިތުރަށް އުނގެނުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޓިވެޓް އޮތޯރިޓީގެ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑާޑްގެ މިންގަނޑުތަކާއި، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 50 ބައިވެރިންނަށް ހަތަރު ދާއިރާއަކުން ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ޓިވެޓް އާއި އެސްޓީއޯ ގުޅިގެން ކުރިއަށް ގެންދާ އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާހް ކުރުމުގެ އެމްއޯޔޫގައި މިއަދު ސޮއިކުރަނީ. ފޮޓޯ: އެސްޓީއޯ

މި 50 ބައިވެރިންގެ ތެރޭގައި ހިމެނެނީ އޮޓޮމޯޓިވް މެއިންޓަނަންސްގެ ދާއިރާއިން ތަމްރީންކުރާ 10 މީހުންނާއި، ކޮމްޕިއުޓަރު ހާޑްވެއާ އެންޑް ނެޓްވޯކިންގެ ދާއިރާއިން ދެ މީހުންނާއި، އިލެކްޓްރީޝަންގެ ދާއިރާއިން ދެ މީހުންނާއި، ރީޓެއިލް ސާވިސަސްގެ ދާއިރާއިން ތަމްރީންކުރާ 36 މީހުންނެވެ.

އެސްޓީއޯ އިން ބުނީ މިޕްރޮގްރާމުން ފާސްވާ ބައިވެރިންނަށް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ ކަމަށެވެ. އަދި މިޕްރޮގްރާމްގެ މަގުސަދަކީ ވަޒީފާގެ ބާޒާރަށް ދިވެހިން ބިނާކޮށް އަދާކުރާ ވަޒީފާއަކާ ގުޅޭ ތަމްރީން ލބިފައިވާ ފެންވަރު ރަނގަޅު ދިވެހިން އިތުރުކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.