ކަސްޓަމަރުންނަށް މަހުން މަހަށް ފިކްސްޑް ބިލެއް ދެއްކޭނެ ގޮތަށް "އީކުއަލް ޕޭމެންޓް ސިސްޓަމް"ގެ ނަމުގައި ޕޭމެންޓް ޕްލޭނެއް ސްޓެލްކޯ އިން މިއަދު ތައާރަފުކޮށްފި އެވެ.

މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތްދޭ ކުންފުނިން ބުނީ އީކުއަލް ޕޭމަންޓް ޕްލޭންގެ ސަބަބުން މިޕްލޭންގައި ބައިވެރިވާ ކަސްޓަމަރުން ކޮންމެ މަހަކުވެސް ކަރަންޓު ބިލަށް ދައްކަން ޖެހޭނީ ދެފަރާތުން އެއްބަސްވާ އެގޭބިސީއެއްގެ ކަރަންޓު ޔޫސޭޖް ނުވަތަ ކަރަންޓު ބޭނުންކުރާ މިންވަރުގެ އެވްރެޖް އަދަދު ކަމަށެވެ. އެގޮތުން ކަރަންޓު ބިލު ބޮޑުވާ މަސްމަހުގައި ވެސް ދައްކަން ޖެހޭނެ މިންވަރު ދުރާލާ ކަސްޓަމަރުންނަށް އެނގިގެންދާނެ ކަމަށާއި އޭގެ ސަބަބުން ދިރިއުޅުމުގެ ކަންކަމަށް ބަޖެޓްކުރުމުގައި ރައްޔިތުންނަށް ފަސޭހަވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އީކުއަލް ޕޭމަންޓް ޕްލޭން އިފްތިތާހުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މިއީ ރައްޔިތުންގެ ފަރާތުން ލިބެމުންދިޔަ ޚިޔާލުތަކަށް ބެލުމަށްފަހު ތައްޔާރުކުރި ޕްލޭނެއް ކަމަށެވެ. އަދި ރާއްޖޭގައި މިފަދަ ޚިދުމަތެއް ޔޫޓިލިޓީ ކުންފުންޏަކުން މީގެކުރިން ދީފައި ނުވި ނަމަވެސް މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ދެމުން އަންނަ ޚިދުމަތެއް ކަމަށް މުޣުނީ ވިދާޅުވި އެވެ.

އީކުއަލް ޕޭމަންޓް ޕްލޭނާ ބެހޭ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އަދި އެ ކުންފުނީގެ އިސްވެރިން މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ސްޓެލްކޯ

"ވޭތުވެދިޔަ ދެ އަހަރު ކަސްޓަމަރުންގެ ފަރާތުން ލިބުނު ފީޑްބެކަށް ބެލުމަށްފަހު އަޅުގަނޑުމެން މިޕްލޭން އެކުލަވާލީ. މިއާއެކު ހޫނުމޫސުމުގައި ޢާއްމުކޮށް ބިލް ބޮޑުވެގެންދާ މަސްމަހު ވެސް ދައްކަން ޖެހޭނީ އެހެން މަސްމަހު ވެސް ދައްކާ ވަރަށް. މީގެ ސަބަބުން ބަޖެޓް ދިރިއުޅުމުގެ އުޅުމަށް ވަރަށްބޮޑަށް ފަސޭހަ ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ އީކުއަލް ޕޭމަންޓް ޕްލޭންގައި ބައިވެރިވެވޭނީ މީގެ ކުރިން ނުދައްކާ ހުރި ބިލްތަކަށްވާ ފައިސާ ދައްކާ ޚަލާސްކުރުމަށްފަހު އެވެ. އަދި ޚިދުމަތް ހޯދޭނީ ކަރަންޓުގެ ޚިދުމަތަށް ގޭބިސީއަކުން މަސްއޫލުވެރިވާ ފަރާތެއް ނުވަތަ ޢިމާރާތުގައި ކުއްޔަށް އުޅޭ ފަރާތެއްނަމަ އިމާރާތުގެ ވެރިފަރާތުގެ ހުއްދާއާއެކު އެވެ. އަދި މީގެ ދަށުން ދިގު މުއްދަތަކަށް ބިލްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ވެސް ގާއިމުކުރެވޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ ސްޓެލްކޯއާއި ކަސްޓަމަރު ބޭނުންވެއްޖެ ހިނދެއްގައި މި ޕްލޭން އަލުން މުރާޖާކުރުމުގެ އިޚްތިޔާރު ދެ ފަރާތަށް ވެސް ކޮންމެ ހަ މަހަކުން ލިބޭނެ ކަމަށެވެ. އަދި މި ޚިދުމަތަށް ފައިސާ ނަގާނެ މިންވަރު ބެލުމަށް ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުގެ ގޭބިސީތަކުގެ ކަރަންޓު ބޭނުންކޮށްފައިވާ އިންސައްތައަށް ބެލުމަށްފަހު ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ މި މިޚިދުމަތް ފަށަން ނިންމިއިރު، ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ އިންތިޒާމު އެ ކުންފުނީގެ 3،000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެހެންކަމުން މިޕްލޭނާއެކު ކަސްޓަމަރުންނަށް ފަސޭހަވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.