ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުން، ރަށްރަށުގެ ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ފައިސާ ހޯދައިގެން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ސަރުކާރުން ލޯނު ނަގާފައި ގެދޮރު އަޅާފައި އެ އަޅަން ދިޔަ ޚަރަދު ނުލިބޭނެ ގޮތަކަށް އެކަން ކުރާ ކަމަށް ވަންޏާ އެއީ ދިވެހިރާއްޖޭގައި ސަސްޓެއިންކުރެވޭ ކަހަލަ ސްކީމަކަށް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މެމްބަރު ޝަފީގް ސުވާލުކުރެއްވީ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން، ރަށްރަށުގައި ހުރި އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އަޅަން އެދޭ ފަރާތްތަކަށް 2019 ވަނަ އަހަރު ހުޅުވައިލި ފުރުސަތުގައި ފުރި ފޯމްތަކަށް ވީ ކިހިނެއްތޯ އާއި އެ ފޯމްތައް ފުރުމަށް ފަހު އެ މަޝްރޫއާ ބެހޭ އެއްވެސް މައުލޫމާތެއް، ފޯމް ފުރި މީހުންނަށް އަދިވެސް ނުލިބޭ ކަމަށާއި ގޯތިތަކުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން އިރަކުތޯއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ރަށްރަށުގައި ވިޔަފާރި އުސޫލުން ހައުސިން މަޝްރޫއުތައް ހިންގަން އަންސޮލިސިޓޭޑެޑް ޕްރޮޕޯސަލްތަކަށް ހުޅުވާލި ކަމަށެވެ. އަދި އެ މަސައްކަތް ކުރަން ހަ ފަރާތަކުން އެ މަސައްކަތް ކުރަން ބޭނުންވާ ކަމަށް ޝައުގުވެރިކަން ފާޅުކޮށް ސަރުކާރާއެކު ވާހަކަތައް ދެކެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"2020 ވަނަ އަހަރު ފެށިގެން އައިއިރު މީގެއިން އެއްވެސް ޕްރޮޕޯޒަލްއަކާއެކު ކުރިއަށްދެވޭ ގޮތެއްނުވި. ސަބަބަކަށްވީ މީގެއިން އެއްވެސް ޕާޓީއަކުން ހުށައަޅާފައިވާ ފައިނޭންޝަލް ޓަރމްސްއަކީ ސަރުކާރަށް އެމަސައްކަތް އެގޮތަށް ކުރެވޭނެ އަގެއް ނުވަތަ އެ ރޭޓްގައި ހުރި އެއްޗަކަށް ނުވީ،" އަސްލަމް ވިދާޅުވި އެވެ.

ކުރިއަށްދާ ހުރި ވިސްނުމާ ސަރުކާރުގެ ޕޮލިސީއާ ބެހޭގޮތުން އަސްލަމް ވިދާޅުވީ ސަރުކާރުން ލޯން ނަގައިގެން ގެއެއް އެޅި ކަމުގައި ވިޔަސް އެ ކުރި ޚަރަދު އަނބުރާ ލިބެންޖެހޭނެ ކަމަށެވެ. ގޭގޭ ވެރިފަރާތުން އެމުއްދަތުގައި ދައްކާ ލާރިން އެ ލޯނު ފައިސާ އަނބުރާ ލިބެންޖެހޭނެ ކަމަށާއި އަދި ޑެވެލޮޕަރަކު މިފަދަ މަޝްރޫޢެއް ހިންގި ކަމުގައި ވިޔަސް އެ ޚަރަދު ލިބެނެޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގެއެއް އަޅާފައި ދެވޭނީ އޭގެ ހަމަ އަގުގައި ކަން ހުރިހާ ރައްޔިތުންނަށްވެސް ސާފުކޮށް އެނގެންޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ބޯހިޔާވަހިކަން ކުރިއަށް ގެންދިއުމުގައި ރަށުގެ ދައުރެއް އޮންނަންޖެހޭ ކައުންސިލްގެ ދައުރުއޮންނަން ޖެހޭ، ރަށުން ޖެނެރޭޓް ކުރެވޭ ލާރިއަކުން ރަށުގެ ބޯހިޔާވަހިކަން އަންނަން އެބަޖެހޭ އަދި ޢާންމު ފަރުދަކަށް އެގޯތީގެ ވެރިފަރާތަށްވެސް އެކަން ކުރުމުގެ ޒިއްމާއެއް އޮންނަންޖެހޭ،" އަސްލަމް ވިދާޅުވި އެވެ.

އަމިއްލަ ގޯތިތަކުގައި ހައުސިން މަޝްރޫއު ހިންގަން އެދި ފޯމް ފުރި މީހުންގެ ފޯމްތަކަށް ދެންވާނީ ކިހިނެއްތޯ މެމްބަރު ޝަފީގު ސުވާލުކުރެއްވުމުން އަސްލަމް ވިދާޅުވީ އޭރު ކުރި މަސައްކަތަކީ ބޯހިޔާވަހިކަމަށް މީހުން ބޭނުންވާ ވަރު ބަލަން ބޭނުންކުރެވޭނެ މައުލޫމާތެއް ކަމަށެވެ. އަދި މިވެނި ރަށަކަށް މިވެނި ވަރަކަށް ހައުސިން ޔުނިޓް ސަރުކާރުން އަޅާފައި ދޭން އުޅޭ ވިސްނުން ރައްޔިތުންގެ ބޮލަށް ވެސް ނުވެއްދުމަށް އަސްލަމް އެދިވަޑައިގެންނެވި އެވެ.