ރ. ކިނޮޅޮހުގައި ކުނި މެނޭޖްކުރާ ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމާއި އާންމު ތަންތަނުގައި އުފެދޭ ކުނި ފަސޭހަކަމާއެކު މެނޭޖްކުރުމަށް އެހީތެރިވުމުގެ ގޮތުން ހިންގި ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިއީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގި ޕްރޮޖެކްޓެކެވެ.

ބީއެމްއެލް އިން ބުނީ އެ ޕްރޮޖެކްޓް ހިންގަން އެރަށު ވާފިރު އަހުމަދު ޕްރޮޕޯސަލް ހުށަހެޅިއިރު ކިނޮޅޮހުގެ ކައުންސިލުން ދިޔައީ ރަށުގެ ހުރިހާ ގޭބިސީތަކުން ކުނި ނަގައި ދުވަހުން ދުވަހަށް ކުނި މެނޭޖް ކުރަމުން ކަމަށެވެ. ނަމަވެސް ރަށުގެ އާންމު ތަންތަނުގައި މި މަސައްކަތް ކުރަން ގޮންޖެހުތަންތަކާ ކުރިމަތިވި ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ކުނި ވަކިކޮށް އަދި ކުނި އެޅުމަށް ހާއްސަ ގޮތްތަކެއް ނެތުމުގެ ސަބަބުންނެވެ.

"މި ޕްރޮޖެކްޓްގެ ދަށުން ރަށުގެ ފަސް ސަރަހައްދެއްގައި މިވަނީ އެކި ބާވަތުގެ ކުނި އެޅުމަށް ހާއްސަ ޑަސްބިންތަކެއް ބެހެއްޓިފައި. މިއާއެކު މުޅި ރަށުގެ ކުނި ނައްތާލުމުގެ ޕްރޮޖެކްޓަށް މިވަނީ އިތުރު ފުރިހަމަކަމެއް ލިބިގެންގޮސްފައި،" އެ ބޭންކުން ބުންޏެވެ.

"ބަނދަރު ސަރަހައްދާއި އާންމު ތަންތަނުގައި އުފެދޭ ކުނިތައް ވަކިކޮށް އެ ކުނި އެޅުމަށް ޑަސްބިން ބެހެއްޓިގެން ދިޔުމާއެކު މިރަށުގެ ކުނި މެނޭޖްކުރުމަށް މިވަނީ ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިފަ. އަދި މިއީ ރަށަށް ލިބިގެންދާ ޒީނަތްތެރިކަމެއް ވެސް މެ. މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ނިންމާލުމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. ބީއެމްއެލް އިން މި ފަދަ ފުރުސަތެއް ދެއްވިކަމަށްޓަކައި ބޭންކަށްވެސް ހާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުގެ އުއްމީދަކީ 'ރީތި ކިނޮޅަސް، މަގޭ ކިނޮޅަސް' މި ޝިއާރާ އެއްގޮތަށް އެންމެހާ ބޭފުޅުންގެ އެއްބާރުލުން ލިބިގެންދާނެކަމަށް."

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ބޭންކުން މިހާރު ވަނީ ކޮމިއުނިޓީ ފަންޑު ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފަ އެވެ.