ރަޝިއާ ފަހަތަށް ޖައްސާލައި، ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް އިންޑިއާ ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް އިންޑިއާ އިން ރާއްޖެއަށް 32،970 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މާކެޓް ޝެއާގެ 22.3 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ރަޝިއާ އިން 32،019 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މާކެޓް ޝެއާގެ 21.7 ޕަސެންޓެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ވެސް ރާއްޖެއަށް 3،369 ޓޫރިސްޓުން އައިސްފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 59،010 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 37.7 ޕަސެންޓް ދަށް އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެ އައީ 151،113 ޓޫރިސްޓުންނެވެ.