ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކަށް ތަރައްގީކުރަން 54 މިލިއަން ޑޮލަރު (832.6 މިލިއަން ރުފިޔާ)ގެ މަޝްރޫއެއް ފަށަން ތައްޔާރުވާން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް "ހުރިހާ"އަށް މިއަދު ވިދާޅުވީ އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަނީ އެއާބަސް އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރަށެވެ.

"ހަނިމާދޫ ތަރައްގީކުރުމާ ބެހޭ ގޮތުން އިއްޔެ ވެސް އިންޑިއާ ސަރުކާރާއެކު މަޝްވަރާކުރެވުނު. އިއްޔެގެ މަޝްވަރާގައި ހައިކޮމިޝަނަރާއި އިންޑިއާ އެއާ އޮތޯރިޓީއާއެކު ޑީޕީއާރު ހެދުމަށް ވާހަކަދެކެވުނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ބަޔަކު ހޮވައި އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސޮއިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ފެށޭވަރުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމާ ބެހޭ ގޮތުން އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކާއެކު މިނިސްޓަރު ފައްޔާޒު އިއްޔެ މަޝްވަރާކުރައްވަނީ. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގެ ރަންވޭ 2،200 މީޓަރަށް ބޮޑުކުރުމާއި އަހަރަކު 700،000 ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އާ ޓާމިނަލެއް ހެދުން ހިމެނޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލަފާކުރަނީ އެއާޕޯޓް ތަރައްގީކުރުމުގެ މި ފޭސް ނިމޭއިރު ކުރިޔަށް އޮތް ދިހަވަރަކަށް އަހަރު ބޭނުންކުރެވޭނެ ޖާގަ އޮންނާނެ ކަމަށް. އެތަން ތަރައްގީކުރަނީ އޭގެ ފަހުން ވެސް ބޮޑުކުރެވޭ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އެ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.