ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާތާ އެތައް ދުވަހެއް، ފަހުން އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުނިން ބުނީ މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކާނީ 8.44 ރުފިޔާ އަށެވެ. އަދި ޑީސަލް ލިޓަރެއް ވިއްކާނީ 9.19ރ. އަށެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 8.07 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 8.71 ރުފިޔާ އެވެ.

އެސްޓީއޯއިން ވަނީ ކޮވިޑްގެ ބަލި މަޑުކަން ބޮޑުވެގެން ދިޔަ ދުވަސްވަރު ވެސް ތެލުގެ އަގު އެތައް ފަހަރެއްގެ މަތިން ކުޑަކޮށްފަ އެވެ. އެގޮތުން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ މާޗް 21 ވަނަ ދުވަހު އެވެ.

ކޮވިޑާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރި ނަމަވެސް، މިދުވަސްވަރު އަނެއްކާ ވެސް ތެލުގެ އަގު ވަނީ އުފުލެން ފަށައިފަ އެވެ.