ޒޯން އެކެއްގެ ކުނި މެނޭޖުކުރުމުގެ މަޝްރޫއުގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ހަތަރު ކައުންސިލަކާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއީ މިއަހަރުގެ ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށް ވުރެ ކުޑަ މަޝްރޫއުތައް އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލްތަށް މެދުވެރިކޮށް ތަންފީޒުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ރަށު ކައުންސިލްތަކާ ޙަވާލުކުރެވުނު މަސައްކަތެއް ކަމަށެވެ.

"މި އުސޫލުން މަސައްކަތް ހަވާލުކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ ކައުންސިލްގެ ބެލުމުގެ ދަށުން، ކައުންސިލްގެ ލަފާއާއި އެކު ކުރިޔަށް ގެންދާ، ކައުންސިލްތައް ބާރުވެރި ކުރުނަވި މަޝްރޫއުތެކެއް ކަމުގައި މިމަޝްރޫއުތައް ހެދުން،" އެ މިނިސްޓްރީން ބުންޏެވެ.

އެ ގޮތުން އެމްއޯޔޫގައި އެންވަޔަރަންމަންޓް މިނިސްޓްރީއާއެކު ސޮއިކުރީ، ހއ. ފިއްލަދޫ، ހއ. ބާރަށް، ށ. ކޮމަންޑޫ އަދި ށ. ފުނަދޫ ކައުންސިލާއެކު އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ރަށު ކައުންސިލްތަކާއެކު ސޮއި ކުރި އެމްއޯޔޫތަކުގެ ޖުމްލަ އަގަކީ 3.589،612.00 ރުފިޔާ އެވެ.

އެ މިނިސްޓްރީން ބުނީ އެ އެމްއޯޔޫގެ ދަށުން އެ ކައުންސިލްތަކުން ތަންފީޒުކުރާ މަޝްރޫއުތަކުގެ ހުރިހާ މަސައްކަތްތައް ކުރިއަށްގެންދާނީ އެ ކައުންސިލަކުން ކަމަށެވެ. މީގެ ތެރޭގައި އެ ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ޓެންޑާކޮށް ކޮންޓްރެކްޓަރު އައްޔަންކުރުމާއި އެފަރާތާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމާއި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނުވަތަ އެންވަޔަރަންމަންޓް މެނޭޖްމަންޓް ޕްލޭން (އީއެމްޕީ) ހަދަންޖެހޭ ނަމަ އެ މަސައްކަތްތައް ވެސް ކަނޑައެޅިފައި އޮންނަ އުސޫލުން ކުރިއަށްގެން ދާނީ އެ ރަށެއްގެ ރަށު ކައުންސިލަކުން ކަމަށް ވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އެ އެމްއޯޔޫގެ ދަށުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ދައުރަކީ ކޮންމެ ރަށެއްގައި ވެސް މަޝްރޫއު ކުރިއަށްދާގޮތް ބަލާ މޮނިޓާކުރުމާއި އެ ރަށަކަށް ބޭނުންވާ ބަޖެޓް ހަމަ ޖެހިފައި އޮންނަ އުސޫލުން އެ ރަށެއްގެ ކައުންސިލަށް ޓްރާންސްފާ ކުރުން ކަމަށެވެ.

"އެހެންކަމުން ކޮންޓްރެކްޓަރުންގެ ބިލްތަކަށް ފައިސާ ދެއްކުމަކީ ވެސް ރަށު ކައުންސިލްގެ ދައުރެއްގެ ގޮތުގައި މި އެމްއޯޔޫތަކުގައި ވަނީ ކަނޑައަޅާފައި. ކޮންމެ ރަށެއްގައި ވެސް ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކޮށްނިމުން އެތަންތަނާއި އަދި އެތަންތަނުގައި ބެހެއްޓޭ އިކުއިޕްމަންޓްތައް އެސެޓް ޓްރާންސްފާ ހެދުމަށްފަހު އެ ރަށެއްގެ ރަށު ކައުންސިލްގެ މިލްކެއްގޮތުގައި ހަމަޖެއްސުމަށް ކަނޑައަޅާފައިވާކަން ފާހަގަކުރަން،" އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.