ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ހިންގާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ އޮޕަރޭޝަން ފުޅާކޮށް، އެތެރޭގެ އުދުހުންތައް ފަށަން ތައްޔާރުވާން ފަށައިފި އެވެ.

ޓީއެމްއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު އޭޔޫއެމް ފައުޒީ "ހުރިހާ"އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ކުންފުނީގެ ވީލް ބޭސްޑް އޮޕަރޭޝަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަން ފަށާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑުމެން މިގެންދަނީ އޭޓީއާރު މަރުކާގެ ބޯޓު ގެނެސް އެތެރޭގެ އުދުހުންތައް ފަށަން ތައްޔާރުވަމުން. ނަމަވެސް ދަތުރުތައް ފަށާނެ ދުވަހެއް މިވަގުތު ދަންނަވަން ދަތި،" ފައުޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، ސީޕްލޭން އޮޕަރޭޝަން ފުޅާކޮށް ވީލް ބޭސްޑް އޮޕަރޭޝަން ފަށަން ޖެހޭ ކަމަށެވެ. އެގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި އިތުރު ހަތަރު ޓުވިން އޮޓާ މަރުކާގެ ސީޕްލޭން ގެންނަން ނިންމާފައިވާ ކަމަށް ވެސް ފައުޒީ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ އޮޕަރޭޝަން ކުރިޔަށް މިގެންދެވެނީ ހަމައެކަނި ދުވާލު. ވީލް ބޭސްޑް އޮޕަރޭޝަން ފެށުމުން ސައުވީސްގަޑިއިރު އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޓީއެމްއޭގެ ވީލް ބޭސްޑް އޮޕަރޭޝަންގެ ހަބަކަށް ވާނީ ޅ. މަޑިވަރުގައި އަލަށް ހަދާ ޑޮމެސްޓިކް އެއާޕޯޓެވެ.

ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް މީގެ 30 އަހަރު ކުރިން ފެށި ކުންފުނިން 80 އަށް ވުރެ ގިނަ ރިސޯޓަށް މިހާރު ދުވާލަކު 150 އަށް ވުރެ ގިނަ ދަތުރުކުރެ އެވެ. އެ ކުންފުނީގެ އޮޕަރޭޝަންގައި މިހާރު ވެސް 56 ބޯޓު ބޭނުންކުރެ އެވެ.