ކޮވިޑްގެ ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް މިހާތަނަށް 1.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ޢާންމުކުރި "ވީކްލީ ކޯވިޑް-19 ސްޕެންޑިން" ރިޕޯޓުގައިވާގޮތުން މިދިޔަ ހަފްތާއާއި އަޅާބަލާއިރު މިހަފްތާގައި ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް ކުރި ހަރަދު ވަނީ 1.1 ޕަސެންޓް އިތުރުވެފަ އެވެ. އެހެންކަމުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް - 19ގެ ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް ކުރި ހަރަދުތައް ވަނީ 1.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފަ އެވެ.

ފިނޭންސްގެ އެ ތަފާސް ހިސާބުތައް ދައްކާގޮތުން ސިއްހީ އަދި އިޖްތިމާއީ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ކޮވިޑްގެ ހާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުގެ މަސައްކަތްތަކަށް 867.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 372.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ކޮވިޑަށް ކުރާ ހޭދައިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި ޓެސްޓް ކިޓާއި ޕީޕީއީ ހޯދުމަށެވެ. އެގޮތުން މި ތަކެތި ހޯދަން މިހާތަނަށް 651 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ކޯވިޑަށް ކުރާ ހޭދަ ވަނީ 2 ބަޔަކަށް ބަހާލައިފަ އެވެ. އެގޮތުން ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް ކުރާ ހޭދައިގެ އިތުރުން ދެން ހިމެނެނީ އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިން އެވެ. މިދިޔަ ހަފްތާއާއި އަޅާބަލާއިރު މިހަފްތާގައި އިކޮނޮމިކް ރެސްޕޯންސް ސްޕެންޑިންއަށް ކުރި ހޭދަ ވަނީ 0.6 ޕަސެންޓް އިތުރުވެފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށް މިހާތަނަށް 1.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއީ ކޮވިޑް19އާ ގުޅިގެން މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވަމުންދާ އާއްމު ފަރުދުންނާއި، ގޭބީސީތަކާއި، އަދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ސަރުކާރުން ތައާރަފްކޮށްފައިވާ ސްކީމެކެވެ.