ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދިހަ ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި މިއަދު ހަދިޔާކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މިއީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށެވެ.

ބީއެމްއެލް އިން މި ވަސީލަތްތައް ފޯރުކޮށްދީފައި ވަނީ ހއ. އަތޮޅު ތައުލީމީ މަރިކަޒު، ހދ. އަަތޮޅު ތައުލީމީ މަރުކަޒު، ޅ. އަތޮޅު ތައުލީމީ މަރުކަޒު، ކ. އަތޮޅު މަދަރުސާ، އއ. މަތިވެރި ސްކޫލު، އއ. ފެންފުށި ސްކޫލު، ދ. އަތޮޅު ތައުލީމީ މަރުކަޒު، ލ. އަތޮޅު ތައުލީމީ މަރުކަޒު، މުހައްމަދު ޖަމާލުއްދީން ސްކޫލު އަދި ސ. އަތޮޅު މަދަރުސާ އަށެވެ. ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާ އެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 400 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ވަނީ އިތުރު ދިހަ ސްކޫލެއްގެ ސެން ކްލާސްތަކަށް އެހީ ދީފައި. ފޮޓޯ: ބީއެމްއެލް

ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ބޭންކުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފާއިިތުވި އަހަރުގެ ތެރޭގައި ވެސް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ ދިހަ ސްކޫލްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފަ އެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 65 ފަރާތަކަށް މިދިޔަ އަހަރު މޮޓޮރައިޒްޑް ވީލްޗެއާ ވެސް ވަނީ ހަދިޔާކޮށްފަ އެވެ.