ރާއްޖޭގައި މިވަގުތު ބޯހިޔާވަހިކަމެއް ނެތް 17،073 އާއިލާއެއް އެބައޮތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުތަކާ ބެހޭ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ދެނެގަންނަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރާސާއެއް ހަދާފައިވާ ކަމަށެވެ. އަދި އާއިލާތަކަށް ހަތަރު ކެޓަގަރީއަކަށް އާއިލާތައް ބެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ދިރާސާގެ އަލީގައި ކަނޑައަޅާފައި ވަނީ މަހަކު 16،000ރ. އަށްވުރެ މަދުން ލިބޭ އާއިލާއަކީ ފަގީރުން ކަމަށް އަސްލަމް ވިދާޅުވި އެވެ. މީގެ އިތުރުން ލޯވާ މިޑްލް އިންކަމް ލިބޭ އާއިލާއެއް ކަމަށް ބަލަނީ މަހަކު 16،000ރ. އާއި 32،000ރ. ލިބޭ އާއިލާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިޑްލް އިންކަމް ލިބޭ އާއިލާއެއް ކަމަށް ބަލަނީ މަހަކު 32،000ރ .އާއި 64،000ރ. އާ ދެމެދުގެ އާމްދަނީ އެއް ލިބޭ އާއިލާއެއް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

އެ ދިރާސާގައި މަހަކު 64،000ރ. އިން މަތިން އާމްދަނީ ލިބޭ ނަމަ ބަލަނީ މުއްސަނދި އާއިލާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ދޫކުރާއިރު އެމީހަކު މަސައްކަތްކުރާ ތަނެއް، އުމުރެއް، އާމްދަނީއެއް ނުބައްލަވާނެ ކަމަށެވެ.

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ނިންމާފައި ވަނީ އެންމެ ނިކަމެތި މީހުންނަށް ކައުންސިލް ހައުސިން ދޭ ގޮތަށް ކަމަށެވެ. އެއީ މަހު ކުލި ދައްކާ ގޮތަށް ދިރިއުޅެން ދޫކުރާ ތަންތަން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އެއީ ރެންޓަލް އެޕާޓްމަންޓްތަކެއް. މަހުން މަހަށް ކުލި ދައްކައިގެން އުޅޭ ގޮތަށް. އެ އެޕާޓްމަންޓްތައް ލިބޭނީ ކައުންސިލެއްގެ ބެލުމުގެ ދަށުގައިވާ ބަޔަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ލޯވާ މިޑްލް އިންކަމް ނުވަތަ ބޭންކުން ލޯނު ނުލިބޭ މީހުންނަށް އެފޯޑަބްލް ހައުސިން ސްކީމްގެ ދަށުން ދިގު މުއްދަތަށް 20 އަހަރާއި 25 އަހަރުން މިލްކުވާ ގޮތަށް އެޕާޓްމަންޓްތައް ވިއްކާނެ ކަމަށެވެ. އަދި މިޑްލް އިންކަމް ކެޓަގަރީ ނުވަތަ ބޭންކުން ލޯނުތައް ލިބޭނެ މީހުންނަށް ވަގުތުން މިލްކްވެރިކަން ލިބޭ ގޮތަށް ވިއްކާ އެޕާޓްމަންޓްތަކެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ބޭންކު ލޯނުތައް ނަގައިގެން ފްލެޓް ގަންނަ މީހުންނަށް އެތަނުގެ ޓައިޓަލް ލިބޭނެ. އަދި އެތަންތަނުގެ އަގު ކޮންޓްރޯލްކޮށްފައި ހުންނާނީ،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ ތެރެއިން ހައި އެންޑް ހައުސިން އަކީ ޑިވެލޮޕާއަށް ދޫކޮށްލައިގެން ވިއްކާ ތަންތަން ކަމަށެވެ. އަދި ގިނަ ތަންތަން ތަރައްގީކުރާނީ ފީސިބަލް މޮޑެލްއަކަށް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް 44،00 އަށްވުރެ ގިނަ ހައުސިންގެ އެޅުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.