މުޅި ރާއްޖެއަށް ބޭކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކ. ގުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހިދުމަތްދޭ ބީއެމްއެލް އިން ބުނީ އެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އެ ބޭންކުން ބުނިގޮތުގައި ކ. ގުރައިދޫގައި ދޭން ފެށި އޭޓީއެމް ޚިދުމަތާއެކު މާލޭގައި ގާއިމްކުރެވިފައިވާ ބޭންކިިން ހިދުމަތްތަކުގެ އިތުރުން މިވަގުތު ކ. އަތޮޅުގައި ދެ ބްރާންޗެއް މެދުވެރިކޮށް ހިދުމަތް ދަނީ ދެމުންނެވެ. މީގެ އިތުރުން ހަތަރު ރަށެއްގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ބީއެމްއެލް އިން އަންނަނީ ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ޚިދުމަތް ވެސް ދެމުންނެވެ.

ކ. ގުރައިދޫގައި ބީއެމްއެލް އިން ސެލްފް ސާވިސް ބޭންކިން ސެންޓަރުން މީހަކު ހިދުމަތް ހޯދަނީ. ފޮޓޯ: ބީއެމްއެލް

ބީއެމްއެލް ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ގުރައިދޫގައި ހުޅުވި އޭޓީއެމް ސެންޓަރުން ދައްކުވައިދެނީ އަތޮޅު ތެރޭގައި ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި ބޭންކިން ހިދުމަތް ފުޅާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ކަމަށެވެ.

"މި އޭޓީއެމް ގެ ހިދުމަތަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޅި ރާއްޖޭގެ ރައްޔިތުންގެ މަންފާއަށް ކުރެވެމުންދާ އިންވެސްޓްމަންޓް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭންކުންވަނީ ނުވަ ރަށެއްގައި އަލަށް ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވައި އިތުރު ފަސް ރަށެއްގައި ބެެހެއްޓިފައި ހުރި އޭޓީއެމް ސެލްފް ސާވިސް ބޭންކިން ހިދުމަތްތައް ލިބޭނެ ހެން ބަދަލުކޮށްފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 66 ސެލްފްސާވިސް ބޭންކިން ސެންޓަރު، 127 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް އަންނަނީ ދެމުންނެވެ.