ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން، ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދުތަކެއް މިއަދު ކަނޑައަޅައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މި ބަދަލު ގެނައީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ޑޮލަރުން އާމްދަނީ ލިބުން އިންތިހާއަށް ދަށްވުމުންނެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ކާޑަކުން ބޭނުންކުރެވޭނީ 750 ޑޮލަރެވެ. ރާއްޖޭގައި ނަމަ ކާޑުތަކުން އޮންލައިންކޮށް ބޭރުގެ މުއާމަލާތްކުރެވޭނީ ކާޑަކުން މަހެއްގެ މައްޗަށް 250 ޑޮލަރު ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އެ ބޭންކުން ބުނީ އެ އަދަދުތައް ކަނޑައަޅާފައިވަނީ ވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކަށް އެކަނި ކަމަށެވެ.

"މިއީ ޑޮލަރުގެ ލިކިއުޑިޓީ ދެމެހެއްޓުމަށާއި ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި އަދި ހަމައެހެންމެ ރާއްޖޭން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމަށް ދައްކަންޖެހޭ ފައިސާއަށް އިސްކަންދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އަށްވެސް މަޖުބޫރު އެހެނަސް ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް،" ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ ބީއެމްއެލްގެ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކަސްޓަމަރުންކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެ ކަމަށެވެ.

ބޭންކުން ބުނެފައިވަނީ މި ބަދަލާ ގުޅިގެން ބޭންކުގެ 95 ޕަސެންޓް ކަސްޓަމަރުންނަށް އެކަމުގެ އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ހަމައެހެންމެ މިއީ މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ވަގުތީ ފިޔަވަޅެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

މި ހާލަތު ބަދަލުވުމާއެކު ބޭންކުން މި ނިންމުން ރުޖޫއު ކުރާނެ ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ.