ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް މިއަދު ދިރާގުން ތައާރަފުކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބާ ކޭބަލް އެއް އަޅާފައިވާ ބިލްޑިންތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓާއިން 50 ޕަސެންޓް ޑިސްކައުންޓް ވެސް ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ދިރާގު ފައިބާ ކޭބަލެއް ނެތް ބިލްޑިންތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓް ޑިސްކައުންޓް ކަނެކްޝަން ފީ އިން ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.

ދިރާގުން ބުނީ މީގެ އިތުރުން، މި ޚާއްސަ ޕްރޮމޯޝަނުގައި މާޗް 15ގެ ކުރިން ދިރާގު ފައިބާ ބްރޯޑްބޭންޑަށް އެޕްލައިކުރާ ކަސްޓަމަރުން ތެރެއިން 25 ނަސީބުވެރި ފަރާތަކަށް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްގެ މަހު ފީ އިން 50 ޕަސެންޓް ޑިސްކައުންޓް ދެ މަސް ދުވަހަށް ލިބޭނެ ކަމަށެވެ.

"މިދުވަސްވަރަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވައި ދުވަސްވަރަކަށްވެފައި، އިންޓަނެޓަށް ބަރޯސާވާން ޖެހޭ މިންވަރު ބޮޑުވެ އިތުބާރުހިފޭ ނެޓްވާރކް އަކައި ގުޅާލުން މިވަނީ އަސާސީ ބޭނުމަކަށް ވެފައި. އެހެންކަމުން މިއީ ރާއްޖޭގެ އެންމެ ފުޅާ އަދި އެންމެ ހަލުވި ފައިބާ ނެޓްވޯކް ގެޔަށް ލާން ލިބޭ ރަނގަޅު ފުރުސަތެއް،" ދިރާގު ސީނިއާ މެނޭޖަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވި އެވެ. "ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކެޖްތައް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންގެ ބޭނުންތަކަށްބަލާ ތަފާތު ޑޭޓާ އެލަވަންސްތަކައި ހަލުވި ސްޕީޑް ހިމެނޭ ގޮތަށް. އަދި މީގެ އިތުރުން ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ލިބޭ ޕެކޭޖް އަދި އެންމެ ބާރު ސްޕީޑް ލިބޭ 1Gbps ޕެކޭޖްވެސް ދިރާގުން ލިބިގެންދާނެ."

ދިރާގުން ބުނީ މި ޕްރޮމޯޝަނާއެކު ދިރާގު ފައިބާ ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް މިހާރު 50 ޕަސެންޓް އިތުރު ހިލޭ ޑޭޓާ، ފައިބާ ބޫސްޓާތަކުން މާޗް މަހުގެ ނިޔަލަށް ލިބޭނެ ކަމަށެވެ.

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް އަދި 64 ރަށަށް މި ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.