އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ށ. ގޮއިދުއަށް މިއަދު ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނީ 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަނެޓްގެ ޚިދުމަތް އެރަށުން ގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބޭނެ ކަމަށެވެ.

"ފާއިތުވި އަހަރުތެރޭގައި ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރާ އަދަދު އެތައްގުނައެއް އިތުރުވެފައިވުމާއެކު އިންޓަނެޓަށް ބަރޯސާވާ މިންވަރު ވެސް އިތުރުވެ، އަސާސީ ޚިދުމަތަކަށް ވަނީވެފައި. ކުދިންގެ ކިޔެވުމަށާއި، ގޭގައި ތިބެގެން މަސައްކަތްކުރުމަށާއި ސިއްޙީ ހިދުމަތް ހޯދުމަށް އަދި ވިޔަފާރިކުރުމަށް ވެސް އިންޓެނެޓްގެ ބޭނުން އެބަ ކުރަންޖެހޭ. އެހެންކަމުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ބޭފުޅުންނަށް ވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެންމެ މުހިންމުކަމެއްކަމުގައި ދެކިގެން،" އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ މިއަދު އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަނެޓްގެ ޚިދުމަތް ގޮއިދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އުރީދޫން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުންދާނެކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ގޮތުން ގޮއިދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.