ހެންވޭރު ކާނިވާ ސަރަހައްދުގައި މިހާރު ހުރި ކެފޭ، ރެސްޓޯރަންޓްތަކުގެ މުއްދަތު ހަމަވުމުން ވިޔަފާރީގެ އެއްބަސްވުން ބާތިލްކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން ބުނީ ހެންވޭރު ކާނިވާ ސަރަހައްދުގެ ބިންތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލުކުރި އިރު އެތަނުގައި ހުރި ކެފޭތަކާއި އެހެނިހެން ވިޔަފާރިތަކުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ދެން އާކޮށް ނުދޭނެ ކަމަށާއި އަދި މުއްދަތު ހަމަވުމުން އެއްބަސްވުން ބާތިލް ކުރެވޭނެ ކަމަށެވެ.

އެ ސަރަހައްދުގައި ހުރި ބިންތައް ބެލެހެއްޓުމުގެ އިތުރުން އެތަނުގައި ހުރި ވިޔަފާރިތަކުގެ އެއްބަސްވުންތައް ބެލެއްޓުމުގެ ޒިންމާ ވަނީ ސިޓީ ކައުންސިލާ ހަވާލުކުރެވިފަ އެވެ.

މިގޮތުން، އެ ސަރަހައްދުގައިވާ ވިޔަފާރިތަކުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާނަމަ އެތަނެއް ހުސްކުރުމާއި، އެއްބަސްވުންތަކުގެ މުއްދަތު އިތުރު ނުކުރުމާއި، އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާ ވިޔަފާރިތަކުގެ އެއްބަސްވުން ބާތިލްކުރުމަކީ ސިޓީ ކައުންސިލުގެ ޒިންމާތަކެކެވެ.

ސިޓީ ކައުންސިލުން ބުނީ، އެ ސަރަހައްދުގައި ހުރި ވިޔަފާރިތަކުގެ އެއްބަސްވުންތައް ކައުންސިލުން ދިރާސާކޮށްފައިވާ ކަމަށާއި އަދި ހޯދަންޖެހޭ އިތުރު ލިޔެކިޔުންތައް ހޯދައި ނިމިފައިވާ ކަމަށެވެ. އަދި ސަރުކާރުން ބިން ހަވާލުކުރި އިރު ހަމަޖެހިފައިވި ގޮތަށް ވިޔަފާރީގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެއްބަސްވުން އުވާލެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ހެންވޭރު ކާނިވާ ސަރަހައްދުގައިވާ ބިންތަކާ ބެހޭ މައުލޫމާތު ސިޓީ ކައުންސިލުން މިހާރު ލިބެން ހުންނާނެ އެވެ.