މިދިޔަ އަހަރު ނިމުނުއިރު ގްރޮސް އިންޓަނޭޝަން ރިޒާވް 984.8 މިލިއަން ޑޮލަރަށް އިތުރުވީ ރިޒާވް ބޭންކް އޮފް އިންޑިއާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ނެރުނު ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ބުނެފައި ވަނީ މިދިޔަ އަހަރު ފަހު ކުއާޓަރު ނިމުނުއިރު ރިޒާވް އިތުރުވި މިންވަރަކީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 31 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 41 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ހެދި ކަރަންސީ ސްވޮޕްގެ ތަފުސީލް ދެމުން އެމްއެމްއޭ އިން ބުނެފައި ވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ތެރެއިން 150 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ އޭޕްރިލް މަހު ދޫކުރި ކަމަށެވެ. އަދި 250 މިލިއަން ޑޮލަރު ޑިސެމްބަރު މަހު ދޫކުރި ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން 250 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑެއް ވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދޫކުރި ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ބޭރު ފައިސާ ލިބުން ގާތްގަނޑަކަށް ހުއްޓުމަކަށް އަ އެވެ. އަދި ޖުލައި 15ން ފެށިގެން އަލުން ބޯޑަރު ހުޅުވާލުމުން ރާއްޖެ ޓޫރިސްޓުން މަޑުން އަންނަން ފެށި އެވެ.

އެމްއެމްއޭ އިން ބުނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޓޫރިޒަމް އިން ރާއްޖެއަށް ލިބުނު އާމްދަނީ ވަނީ 222.8 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. 2019 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ޓޫރިޒަމުން ރާއްޖެއަށް 323.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.