ބޭންކުތަކުން ދޫކުރި ލޯނުތަކަށް ޕްރޮވިޝަން ހެދުމުން މިދިޔަ އަހަރުގެ ފަހު ކުއާޓަރު ނިމުނުއިރު 3.6 ބިލިއަން ގެއްލުމެއް ލިބުނު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެ އޮތޯރިޓީން ނެރުނު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ އިކޮނޮމިކް ބްލެޓިންގައި ބުނެފައި ވަނީ ލޯނުތަކުން ޕްރޮވިޝަން ހެދުމުން ބޭންކުތަކަށް ފަހު ކުއާޓަރުގައި ލިބުނު ފައިދާ ވަރަށް ބޮޑަށް ދަށްވި ކަމަށެވެ. އެގޮތުން ބޭންކުތަކުގެ ފައިދާ 1.4 ބިލިއަން ރުފިޔާއަށް ދަށްވި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 39 ޕަސެންޓް ދަށް އަދަދެކެވެ.

އެމްއެމްއޭ އިން ބުނެފައި ވަނީ ބޭންކުތަކަށް އެހާ ބޮޑު ގެއްލުމަކާ ކުރިމަތިވީ، ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް ލޯނުތައް އަނބުރާ ދެއްކޭނެ ގޮތެއް ނެތުމުން ހަމަސް ދުވަހުގެ މޮރޮޓޯރިއަމެއް ދިނުމުން ކަމަށެވެ. އެއާއެކު މިދިޔަ އަހަރުގެ ތެރޭގައި 1.6 ބިލިއަން ރުފިޔާ ގެއްލުމެއް ލިބުނު ކަމަށް ވެސް ބުނެފައިވެ އެވެ. އެއާއެކު ޓޫރިޒަމް ދާއިރާއަށް ދޫކުރި ބޮޑެތި ބައެއް ލޯނުތައް ނޮން ޕާފޯމިން ކެޓަގަރީއަށް ނުދިޔަ ނަމަވެސް ރިސްކް ކުޑަކުރުމުގެ ގޮތުން ޕްރޮވިޝަން އިތުރުކުރި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރު ނިމުނުއިރު ލޯނު ލިބިދާނެ ގެއްލުމަކަށް 3.6 ބިލިއަން ރުފިޔާގެ ޕްރޮވިޝަނެއް ހެދި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެއީ 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 44 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.