ހަތަރު ރަށެއްގައި އެއާޕޯޓު އަޅަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު (އީއޯއައި) ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށް އަލުން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީއިން އިއްޔެ ވަނީ ބ. ތުޅާދޫއާއި، ށ. ބިލަތްފަހި، ތ. ވިލުފުއްޓާއި، ހދ. މަކުނުދޫގައި އެއާޕޯޓު އެޅުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އީއޯއައި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް އަލުން އިއުލާންކޮށްފަ އެވެ.

މި އިއުލާނުގައި ވާގޮތުން އީއޯއައި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ މާޗު އެކެއްގެ ނިޔަލަށެވެ. އަދި އެ އިއުލާނުގައިވާ ގޮތުން 31 ޖެނުއަރީން ފެށިގެން އެ ޕްރޮޖެކްޓާ ގުޅޭ ޓާމްސް އޮފް ރެފަރެންސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. އަދި އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީން ހުޅުވާލާނެ އެވެ.

ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި، ފޮރިން ޑިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ ސިޔާސަތްތަކުގެ ދަށުން ރަޖިސްޓްރީވުމަށް ކަނޑައެޅިފައިވާ ޝަރުތު ފުރިހަމަވޭތޯ ޔަގީންކުރުމަށް ފިނޭންސް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 30 މިނިޓުން ދެވޭ ހިސާބުގައި ވައިގެ ބަނދަރު ގާއިމްކުރުމަކީ މިސަރުކާރުގެ ސިޔާސަތެކެވެ. މިގޮތުން، ރާއްޖޭގައި މިހާރު 14 ޑޮމެސްޓިކް އެއާޕޯޓަކާއި ތިން ބައިނަލްއަގްވާމީ އެއާޕޯޓު ހިނގާއިރު އެކި ސަރަހައްދުތަކުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރަމުންދެ އެވެ.

ގދ. ފަރެސްމާތޮޑާގެ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށްދާއިރު، ޅ. މަޑިވަރުގައި އަމިއްލަ ފަރާތަކުން ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް މިހާރު ނިމުމަކާހަމައަށް ވަނީ އައިސްފަ އެވެ. މީގެ އިތުރުން އަދި ބައެއް ރަށްރަށުގައި އެއަރޕޯޓު އެޅުމުގެ މަސައްކަތް މިއަހަރުތެރޭ ފެށުމަށްވަނީ ހަމަޖެހިފަ އެވެ.