ޓްރަވަލް އެޖެންސީއެއް ހިންގުމަށް އޮފީހެއް ހުރުހުން މަޖުބޫރު ނުވާނޭހެން ޓޫރިޒަމް މިނިސްޓްރީއިން އާ ގަވާއިދެއް އެކުލަވާލާ އާންމު ކޮށްފި އެވެ.

މި އާ ގަވާއިދުގެ ދަށުން ދިވެހިންނަށް ވިޔަފާރީގެ އިތުރު ދޮރުތަކެއް ހުޅުވި، ބޮޑެތި ލުއި ފަސޭހަތަކެއް ވެގެންދާނެ އެވެ.

މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދުގައި އޮތްގޮތުން ޓްރެވަލް އެޖެންސީއެއް ހުޅުވޭނީ އޮފީހެއް ހުރެގެންނެވެ. އަދި ޓޫރިޒަމް މިނިސްޓްރީން އޮފީހަށް ގޮސް ގަވާއިދުގައިވާ ޝަރުތުތައް ފުރިހަމަވޭތޯ އިންސްޕެކްޓް ކުރާނެ އެވެ.

އެހެން ނަމަވެސް، މި އެކުލަވާލެވުނު އާ ގަވާއިދާއެކު މިނިސްޓްރީއިން ޓްރެވަލް އެޖެންސީ ދެން އިންސްޕެކްޓެއް ނުކުރާނެ އެވެ.

ޓްރެވަލް އެޖެންސީއެއް ހިންގުމަށް މިހާރު ކޮންމެހެން ފުރިހަމަވާން ޖެހޭ ކަންތައްތަކަކީ ހިދުމަތްދޭ ފަރާތަކާއި، ގުޅޭނެ ފޯން ނަމްބަރެއް އަދި އީމެއިލް އެޑްރެހެއް އޮތުމެވެ. މީގެ އިތުރުން، އާ ގަވާއިދުގެ ދަށުން ކުންފުނީގެ ފަރާތުން ޖަވާބުދާރީ ވާނެ ފަރާތެއް އައްޔަންކޮށް، އެފަރާތަކާ ގުޅޭނެ ފޯން ނަމްބަރަކާއި އީމެއިލް އެޑްރެސްއެއް އޮތުން ލާޒިމެވެ.

އާ ގަވާއިދުގެ ދަށުން ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ބިދޭސީއަކަށް ނުދެވޭނެ އެވެ. އަދި ބިދޭސީއަކު ހިމެނޭ ކުންފުންޏަކަށް ވެސް ނުދެވޭނެ އެވެ. އެހެންކަމުން، ބޭރުކުންފުނިތަކުން މި ދާއިރާއިން ރާއްޖޭގައި ވިޔަވާރި ފުޅާކުރަން ބޭނުންނަމަ އެކަން ކުރަންޖެހޭނީ ރާއްޖޭގެ ޓްރެވަލް އެޖެންސީތަކާ ގުޅިގެންނެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މިދުވަސްކޮޅު ގިނަ ޓްރެވަލް އެޖެންސީތަކުގެ މަސައްކަތްވަނީ ހުއްޓިފަ އެވެ. ރާއްޖޭގައި 400 އަށްވުރެ ގިނަ ޓްރެވަލް އެޖެންޓުން ތިބި އިރު ސަރުކާރުން ދަނީ އެމީހުންނަށް ފުރުސަތުތައް ފަހިވާނެހެން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފައްޓާފަ އެވެ.