ދިރާގު ކަސްޓަމަރުންނަށް އަނެއްކާ ވެސް ވަރަށް ހާއްސަ ޕޮރޮމޯޝަންއެއް ފަށައިފި އެވެ.

ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް (ޑީކޯޑަރު) މުޅިން ހިލޭ ލިބޭނެ ކަމަށެވެ. މި ޕޮރޮމޯޝަން ކުރިއްދާނީ މެއި 31ގެ ނިޔަލަށެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ދިރާގުޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ޚިދުމަތެވެ. ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ޚިދުމަތް ދެ އެވެ. އޭގެ ތެރޭގައި 54 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށް ވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ދިރާގު ޓީވީ ފޯރުކޮށްދެމުން ގެންދެ އެވެ. .

"ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް،" އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.