ބީއެމްއެލްގެ ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރި ނަމަވެސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެ ގޮތަށް ބޭނުންވާ ކަސްޓަމަރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވާނެ އެވެ. އެގޮތުން އިންޓަނެޓް ބޭންކިންގެ ސާވިސް ޓައިޕް މެނޫގައި ހިމެނޭ "ޓެމްޕޮރަރީ ކާޑް ލިމިޓް" ހިޔާރުކުރުމަށްފަހު ވީސާގެ ކޮޕީއަކާއެކު ބޭންކަށް ހުށަހަޅަން ޖެހެ އެވެ. އަދި ބޭންކަށް އެ ހުށަހެޅުން ލިބޭތާ 24 ގަޑިއިރުތެރޭ ޕްރޮސެސްކުރުމަށްފަހު، ލިމިޓް ހަމަޖެހުމުން ބޭންކުން ކަސްޓަމަރަށް ގުޅާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން މިހާރެކޭ އެއްގޮތަށް ކޮލެޖް، ޔުނިވާސިޓީތަކާއި ހޮސްޕިޓަލްތަކަށް ދައްކަން ޖެހޭ ފައިސާ ޓީޓީ މެދުވެރިކޮށް ފޮނުވާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓުން ޓީީޓީ ފޮނުވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބީއެމްއެލް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް މިހާރެކޭ އެއްގޮތަށް ކޮންމެ މީހަކަށް 500 ޑޮލަރު ގަނެވޭނެ ކަމަށެވެ. އަދި އަލަށް އަދަދުތައް ކަނޑައެޅިފައިވާއިރު ޑޮލަރު ޕޯޓަލް އިން ގަންނަ ޑޮލަރުގެ އަދަދަށް ބަދަލެއް ނުގެންނަ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބޭންކުން ބުނީ މިހާރެކޭ އެއްގޮތަށް ބީއެމްއެލް ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް މަހަކު 2000 ޑޮލަރު ނެގޭނެ ކަމަށެވެ. އަދި އަލަށް އަދަދުތައް ކަނޑައެޅިފައިވާއިރު ޑޮލަރު އެޓީއެމް އިން ނެގޭ ފައިސާގެ އަދަދަށް ބަދަލެއް ނުގެންނަ ކަމަށް ބީއެމްއެލް އިން ބުންޏެވެ.