މިދިޔަ މަހު ޕެންޝަން ފަންޑުން 122 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިދިޔަ ޖެނުއަރީ މަހު 123.5 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ޕެންޝަން އޮފީހުން މިއަދު ބުނީ ފެބުރުއަރީ މަހުގެ ޕެންޝަން ފައިސާ ޕެންޝަނަރުންގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

އެ އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނައިން ދޫކޮށްފައި ވަނީ އަސާސީ ޕެންޝަންގެ ފައިސާ އެވެ. އެގޮތުން 18،884 ޕެންޝަނަރުންނަށް 89 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާކުރާ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތުގެ ގޮތުގައި ވެސް 4،101 ޕެންޝަނަރުންނަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ.

ޕެންޝަން އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރިޓަޔާމަންޓް ޕެންޝަންގެ ގޮތުގައި 1،751 މީހަކަށް ހަތް މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި ދައުލަތުގެ އެހެނިހެން ރިޓަޔާމަންޓް އިނާޔަތުގެ ގޮތުގައި 3،163 ޕެންޝަނަރުންނަށް ފަސް މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ރިޓަޔާމަންޓް ޕެންޝަން ފިޔަވައި އެހެނިހެން ޕެންޝަންތަކާއި އިނާޔަތްތަކަކީ ދައުލަތުގެ ބަޖެޓުން ދޭ ޕެންޝަނާއި އިނާޔަތްތަކެކެވެ.